ޚަބަރު
ކުރިއަށް އޮތީ އުއްމީދީ އަހަރެއް: ރައީސް ނަޝީދު
ކުރިއަށް އޮތީ އުއްމީދީ އަހަރެއް ކަމަށާއި ދަތި އުނދަގޫ މަގު ހުރަސްކޮށް ދިވެހިން ކާމިޔާބީ ހޯދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


އާ އަހަރުގެ މުނާސަބަތުގައި ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ މިއަހަރަކީ އެހެން އަހަރުތަކާ ތަފާތު އަހަރެއް ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް އައިސް، ފަތުރުވެރިކަން އިންތިހާ އަށް ދަށަށް ގޮސް ގިނަ ބައެއްގެ ވަޒީފާ އާއި އާމްދަނީ ގެއްލި، ސްކޫލްތައް ބަންދުކޮށް، ގާތްތިމާގެ މީހުން މި ދުނިޔެދޫކޮށް ދިޔަ އަހަރެއް ކަމަށެވެ.

ނަޝީދު މިއަދު ވިދާޅުވީ، މިދިޔަ ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށާއި، އެންމެ ހެޔޮ، ރަނގަޅަށް ނަފާވާ ހާލަތުގައިވެސް ދަރަނި އަދާ ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަދި މިހާލަތުގައި ދަރަނި އަދާނުކުރެވޭނެ އެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާ ކުރުމުގައި ލުއިގޮތެއް ހޯދައިދިނުމެވެ". ނަޝީދު ވިދާޅުވިއެވެ.

އަދި ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫ މަގު ހުރަސްކޮށް ކާމިޔާބު ހޯދާ ބައެއެއް ކަމަަށާއި، ގޮންޖެހުންތައް ހުރިނަމަވެސް، ކުރިއަށް އޮތް އަހަރާ ދޭތެރޭ އެމަނިކުފާނުގެ އުއްމީދުތައް ބޮޑުކަމަށް ވިދާޅުވިއެވެ.

އެގޮތުން މިއަހަރަކީ ގިނަ މީހުން ހަނދާން ކުރަން ބޭނުންވާނެ އަހަރެއް ނޫން ކަމަށާއި ނަމަވެސް އައު އަހަރު ބައްދަލު ކުރަނީ އުންމީދުތަކަކާ އެކުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ވެކްސިން ހަލުވިކަމާއެކު ލިބި، މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދުތަކާ އެކުގައެވެ. ވެކްސިން ލިބުނުހާ އެންމެ އަވަހަކަށް ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކުރަން" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރ އެކު ކުރި މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށާއި އެހެން ޤައުމުތަކަށް ވުރެ ކުރިން ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވާލުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ އަންނަ އަހަރަކީ ފާއިތުވި ބައެއް ދުވަސްތަކުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެނިގެންދިޔަ ފަދަ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމުގެ ޚިޔާލުތަކަށް ޖާގަނުދީ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަމާން، ހުރިހާ އެންމެންނަށް އިޙްތިރާމްކުރާ ސުލްހަވެރި މާދަމާއަކަށް ދަތުރުކުރާނެ އަހަރަކަށްވުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އަންނަ އަހަރު އުއްމީދީ ކިތަންމެ ކަމެއް ކުރުމަށް ރާވައި އަންދާޒާ ކުރި ނަމަވެސް މި ކަންތައްތަަކަކީ އެންމެ ފަސޭހަ ދުވެލީގައި ދާނެ ކަންތައްތަކެއް ނޫންކަން ގަބޫލުކުރަންޖެހޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ރިސޯޓުތަކުގެ އޮކިއުޕެންސީ 80 އިންސައްތަ އަށް ދިޔަ ނަމަވެސް އަދި 150 ހާސް ޓަނުގެ މަސް ވިއްކުނު ނަމަވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު