ޚަބަރު
ގަވައިދާ ހިލާފަށް ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދިޔަ 60 މީހަކު ފުރުވާލުމަށް އަންގައިފި
ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގަ އާއި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާ ކަމުގެ ޝަކުވާތަކާއި ގުޅިގެން 60 މީހަކު ރާއްޖެއިން ފުރުވާލަން އަންގާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ. އެ މީހުން ރާއްޖެއިން ފޮނުވާލުމަށް އަންގާފައިވަނީ އެމީހުންނާ ގުޅޭ ކަންކަން ބެލުމަށް ފަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތްކުރުވަމުންދާ މައްސަލަތަކާއި ގުޅޭގޮތުން އިމިގްރޭޝަންއިން ބުނީ، ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެއިދާރާއަށް ލިބެމުންދާ ކަމަށެވެ. އެޝަކުވާގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ކަމަށް އިމިގްރޭޝަންއިން ބުނެއެވެ.

އެގޮތުން އެ ޝަކުވާތަކާއި ގުޅިގެން އެއިދާރާއިން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް މިހާރު ވާނީ އަންގާފައިކަމަށާއި އެ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ މައްސަލަތައް ބަލާނެ ކަމަށާއި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެއީ މި ގޮތަށް އަމަލުކުރުމުން ދިވެހިންނަށް ފުރުސަތުތައް ގެއްލި، މާލީ ގެއްލުންވާތީ ކަމަށް ވެސް ބުނެފައި ވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލުނު އިރު، އަމިއްލައަށް މަސައްކަތްކުރާ ފޮޓޯގްރަފަރުންނާއި މިއުޒިކީ ފަންނާނުންނަށް ވެސް އާމްދަނީގެ ދޮރު އެއްކޮށް ބަންދުވި އެވެ.

ރިސޯޓްތަކުން ދިވެހި ފަންނާނުންނަށް ފުރުސަތު ހަނިކުރާ ކަމުގެ ޝަކުވާ މި ފަހުން އަނެއްކާވެސް ވަނީ ބޮޑުވެފަ އެވެ. މިފަދަ މަސައްކަތުގައި ބިދޭސީން ގެންގުޅުމަކީ މަނާ ކަމަކަށް ވިޔަސް އެކި ނަންނަމުގައި ވިސާ ހޯދައިގެން ބިދޭސީން ގެނެސް، ފޮޓޯގްރާފަރުންނާއި މިއުޒީޝަނުންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ އަބަދުވެސް ހިނގަމުން އަންނަ ޝަކުވާ ބޮޑު މައްސަލައެކެވެ.

އެކަން އެގޮތަށް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އިމިގްރޭޝަނުން ވަނީ ދީފައެވެ.

"ވީމާ، އިސްވެ ދެންނެވި ފަދައިން މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު މި އިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން މިފުރުސަތުގައި ހަނދާންކޮށްދެމެވެ." އިމިގްރޭޝަނުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު