ޚަބަރު
ވެންޓިލޭޓަރުތަކުގެ މައްސަލަ މުރާޖައާ ކުރަން އަނެއްކާވެސް ޕީޖީއިން ނިންމައިފި
ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުން އިތުރަށް މުރާޖައާކުރަން އެ އޮފީހުން މިއަދު ނިންމައިފި އެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ. އެ ނިންމުން ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.

އެކަމާ ހެދި ޕީޖީ އޮފީހަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުވާ ނުުކުރަން ނިންމި ނިންމުމާ ހެދި އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން، އެ މައްސަލައިގައި ޕީޖީ އޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން އިތުރަށް ހުރިތޯ ބަލަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި، ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގައި އެ އޮފީހުން ބަލަން ޖެހެނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ އެ މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރިތޯ އެވެ. ދެވަނަ ކަމަކީ އާންމު މަސްލަހަތު އޮތް ވަރެވެ.

އެ ނުކުތާތަކަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ބުނީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާންމުންގެ މަސްލަހަތު އޮތް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުރިކަމާ މެދު އޮތީ ސުވާލު އުފެދިފައި ކަމަށް ބުނެ، އަބަދުވެސް ދައްކާ ވާހަކަ މިއަދުގެ ބަޔާނުގައި ވެސް ޕީޖީ އޮފީހުން ވަނީ ތަކުރާރު ކޮށްފަ އެވެ.

"މިހާރު އަމަލު ކުރަމުންދާ ގާނޫނީ ނިޒާމުގައި، ދައުވާ ކުރާއިރު ހިޔާލީ ވާހަކައެއް ނުދެއްކޭނެ އެވެ. ދައުވާގެ ކޮންމެ އިބާރާތެއް، ހެއްކާއެކު ސާބިތު ކޮށްދޭން ޖެހޭނެ އެވެ. އެކަމުގައި މި އޮފީހުން ބަރޯސާވަނީ، މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން އެންޓި ކޮރަޕްޝަންގެ ކޮމިޝަނުގެ މަސައްކަތަކީ ތަހުގީގުކޮށް ހެކިތައް ހޯދާފައި ދައުވާ ކުރަން ފޮނުވުންކަން ޕީޖީ އޮފީހުން ފާހަގަކުރި އެވެ. އަދި ދައުވާ ކުރުމާއި ނުކުރުމަކީ ގާނޫނުއަސާސީއިން ޕީޖީ އޮފީހަށް ލިބިދީފައިވާ ބާރެއްކަން ފާހަގަކުރި އެވެ.

ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެއްޖެ ކަމަށާއި އޭނާ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު