ވާހަކަ
ކުށްވެރިއަކީމޭ... 51

"ހުއްޓާލާ!..." ޒެހެކްގެ ކެތްތެރިކަން ކޮޅުން ލިއެވެ.

އީވާން ދިޔައީ ސިއްސައިގެންނެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި އެއްޗެއް ނުބުނެ އެހުރިހާއިރު ކެތްކޮށްފައި، އާރްޔަންގެ ވާހަކަ ފެށުމުން، ޒެހެކް ރުޅި އިސްކުރީ، ކީއްވެ ހެއްޔެވެ؟ އެހާވެސް ބޮޑަށް އާރްޔަން އަކީ ޒެހެކަށް ހާއްސަ މީހަކަށް ވީ ހެއްޔެވެ؟ އީވާންގެ ހިތަށް އުނދަގޫ ވިއެވެ.

********

"ރަޝަން ބޭނުންވާ ކަންތައް ރަޝަންއަށް ހާސިލު ކުރެއްވިއްޖެ އެއްނު... ދެން ކީއްކުރަން އެހެން މީހުންގެ ލައިފްއާ ދޭތެރޭ ތި ވިސްނަނީ؟..." ޒެހެކް އިނީ ރަނގަޅަށް ވެސް ހިތްހަމަނުޖެހިފަ އެވެ. "އަހަރެން އެހެން މީހެއްގެ ފަހަތުން އުޅުނިއްޔާ، އޭގެ ފައިދާވެސް ކުރާނީ ހަމަ ރަޝަންއަކަށް ނޫންތަ؟..."

"ޔޫ!..." ރަޝަންގެ ދަތްތަކަށް ބާރުވެގެން ދިޔަ އެވެ. "ކީކޭ ބުނަން ތިއުޅެނީ؟... ކަލޭ ޖަހާލާ ބެރަކަށް އީވާން ނަށާނެއޭތަ؟..."

"ޒީ... އަހަރެން ބޭނުން ވާހަކައެއް ދައްކާލަން..." ކަންތައް ގޯހުން ގޯހަށް ދިޔުމުގެ ކުރިން އީވާން ބޭނުންވީ، އެކަން ހައްލު ކުރާށެވެ.

"އަހަރެން އީވާނާ ކުރަން ބޭނުންވާ ސުވާލެއް އެބައޮތް..." ޒެހެކް ދެއްކީ މުޅީން އެހެން ވާހަކަ އެކެވެ. ވަކިން ތަނަކަށް ގޮސް ވާހަކަ ދައްކާ ޚިޔާލެއް ޒެހެކްގެ ނެތެވެ.

"އެހެން ތަނަކަށް..." އީވާނަށް ބުނެވުނީ އެހިސާބަށެވެ. ޒެހެކް ވާހަކަ ދައްކަން ފެށުމުން، އޭނައަށް މަޖުބޫރުވީ އެ ޚިޔާލު ދޫކޮށްލާށެވެ.

"އީވާން އަހަރެން ވަރިކުރީ، ނޫނީ އަހަންނަށް ބޭވަފާތެރިވެ، މީނަފެންނަ އަންހެންމީހާ އާ އެކީ އެވަރުގެ ނުބައި ކަމެއް ކުރީ، އަހަރެންގެ އެއްވެސް ކުށެއް އޮވެގެންތަ؟... ނޫނީ އަހަރެންގެ ފަރާތުން އީވާން ބޭނުންވާ ކަމެއް ނުވާތީތަ؟..." ޒެހެކް އަހައިލިއެވެ.

"ޒެހޭގެ އެއްވެސް ކުށެއް ނެތް... ކުށްވެރިއަކީ އަހަރެން..." އީވާން އިސްޖަހައިލި އެވެ.

"ދިރިއުޅުމުގަ އަހަރެންގެ ފަރާތުން އީވާން ހިތްހަމަނުޖެހޭ ސަބަބެއް ނޫނީ ސަބަބުތަކެއް އޮތަސް ވަރަށް ރަނގަޅު އެކަންކަން ބުނެދީފިއްޔާ... އިތުރު މީހަކާ އެކީވެސް އުފާވެރި ދިރިއުޅުމެއް އަހަންނަށް އުޅެވޭނީ، މިހާރުގެ މިސްޓޭކްތައް ރަނގަޅު ކޮށްގެން..." އީވާންގެ ޖަވާބު ޒެހެކަށް ނުފުދޭ ކަހަލަ އެވެ.

އީވާން އިނީ ކުއްލިއަކަށް ޒެހެކް އެފަދަ ސުވާލެއް ކޮށްފާނެ ކަމަށް ކުޑަކޮށްވެސް ތައްޔާރުވެގެނެއް ނޫނެވެ. އަނެއްކޮޅުން އެހެން މީހަކާއި އެކު، ދިރިއުޅުމެއް ފަށާ ވާހަކަ ދެއްކުމުން، އީވާންގެ ހިތަށް އުނދަގޫވާން ފެށި އެވެ. އެކަމަކު، އަމިއްލަ ދިރިއުޅުން ހަލާކުވެގެން ދިޔައީ ހުދު އަމިއްލަ މީހާގެ ސަބަބުން ކަމުގައި އީވާން ގަބޫލު ކުރެއެވެ.

"ޒެހޭގެ ކޮންމެ ކަމެއް އަހަރެން ވަރަށް ހިތްހަމަޖެހޭ... ގޯސްހެދީ އަހަރެން... އެ ގޯސް ރަނގަޅު ކުރަން، އިތުރު ގޯސްތަކެއް ވެސް ހެދުނީ އަހަންނަށް..." އީވާންގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ.

ޒެހެކް އިންތަނުން ތެދުވިއިރު، އެމޫނުން ކުރިން ފެނުނު ހިތްހަމަނުޖެހުމުގެ އަސަރު ފިލައިގޮސްފި އެވެ. އީވާންގެ ދުލުން އިވުނު ޖުމްލަތަކުގެ ސަބަބުން، ޒެހެކްގެ ހިތަށް ލިބުނު ތަސައްލީ އެމޫނުން ރީތިކޮށް ފެންނަން ހުއްޓެވެ.

ޒެހެކް ނުކުމެގެން ދިޔުމުން، ރަޝަންވެސް ތެދުވި އެވެ. ރުޅި އައިސްގެން ރަޝަންގެ ދެލޯ ވަނީ ފެންކަޅިވެފަ އެވެ. އީވާންގެ ހިތުން ޒެހެކްގެ ނަން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ރަޝަންއަށް ޔަޤީން ވެއްޖެ އެވެ.

"ރަޝަން!... އައިމް ސޮރީ... އަހަންނަކަށް އެހެން މީހެއްދެކެ ލޯތްބެއް ނުވެވުނު... ނުވެސް ވެވޭނެ ކަންނޭނގެ..." އިސްޖަހާލަައިގެން ހުރެފައި، އީވާން ބުންޏެވެ. "އަހަންނަށް ރަޝަން އާ ކައިވެނި ކުރެވޭކަށް ނެތް..."

އެއީ އެންމެ ފުރަތަމަ ދުވަހުވެސް އީވާން ބުނަންޖެހޭ ޖުމްލަތަކެވެ. އީވާންގެ ހިތުގެ އަޑިން ނެރުނު އެ ޖުމްލަތައް، ކަފުންކުރަން އޭގެ ކުރިން ކުރި ހުރިހާ މަސައްކަތް ބޭކާރު ވީއެވެ. އެކަން ވާނެކަން ކުރިން ވިސްނުނުނަމައޭ އީވާންގެ ހިތަށް އެރި އެވެ. ލޯތްބަކީ ކުޅޭ ކުޅިވަރެއް ކަމުގައި ޤަބޫލު ކުރެވުމަކީ އީވާނަށް ހެދުނު ފުރަތަމަ ގޯހެވެ. ކުށް ފޮރުވަން އިތުރު ކުށެއް ކުރުންވީ އޭނަގެ ދެވަނަ ކުށަށެވެ. ތިންވަނަ ކުށަކީ ހިތުގެ ޖަޒުބާތުތަކުގެ މައްޗަށް، އެހެން އިހުސާސެއް އުފަންކުރުވަން ކުރި މަސައްކަތެވެ. ހުރިހާ ކަމެއް ވީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އެކަމަކު، ހަމަވިސްނުން ލިބުނު އިރު، ވަގުތު ފާއިތުވެއްޖެ ކަމުގެ އިހުސާސް އީވާނަށް ކުރެވެން ފަށައިފިއެވެ.

"އަހަރެން ރަޝަންއަކަށް ދެރަގޮތެއް ނަހަދާނަން... ދަރިފުޅަށާ ރަޝަންއަށް ހަރަދުކުރާނަން... އެކަމަކު، އަހަންނަށް ރަޝަން އާ ކައިވެނި ކުރެވޭކަށް ނެތް..." އީވާންގެ ޖުމްލަތަކުން މުޅި ތަނުގައި ބޮމެއް ގޮއްވައިލި ކަހަލަ އެވެ.

ރަޝަން ކުއްލިއަކަށް މޭޒުމަތީގައި ހުރި ތަށިތަކުގައި އަތުން ޖަހައި ވަރައިލި އެވެ. ތަނުގެ އެންމެންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓުނެވެ.

********

ފެންމާގަނޑު ދޫކޮށްލައިގެން އިން ޒާރާގެ ދެލޮލުން ކަރުނަ ނުހިކެ އެވެ. ހަމަޖެހުމެއް ނެތް ދިރިއުޅުމުގައި، އޭނަ މުޅީންވެސް ވެއްޓެނީ އަޑިގުޑަން ތަކަށެވެ. ހިތުގެ ހާލު ހާމަކުރާނޭ ގާތް ރައްޓެއްސެއް ވެސް އޭނަގެ ނެތެވެ. އިތުބާރު ކުރެވޭނޭ މީހަކު ނެތެވެ. އެކަމަކު ދެން ކަންތައް ވެގެން ދާނީ، އެކަނި ތަހަންމަލް ކުރެވޭ ވަރަށްވުރެ، ނުރައްކާތެރި ވޭނަކަށް ކަން ޒާރާއަށް ޔަޤީން ވެއްޖެ އެވެ.

"ދޮންތަ!..." ޒާރާގެ ހިތަށް އައީ ޒެހެކްގެ ނަމެވެ.

އާއިލާގައި އެފަދަ ކަމެއް ޚިއްސާކޮށްލެވޭ ވަރުގެ މީހަކަށް ހުރީ ހަމައެކަނި ޒެހެކެވެ. އެކަމަކު، އެއީ އެ އާއިލާއިން އޭނަ އެންމެ ރުޅި އަންނަ މީހާ އެވެ. އެ ރުޅީގައި އޭނަ ވަނީ ޒެހެކާއި މެދު އިހާނެތިކޮށް ކަންތައް ކޮށްފަ އެވެ.

ޒާރާ ހިއްވަރުކޮށްފައި ޒެހެކްގެ ނަންބަރަށް ގުޅި އެވެ. ދެތިން ރިންގާއިއެކު، ފޯނު ނަގައި ހަލޯއޭ ބުނި އަޑު އިވުނެވެ.

"ބިޒީތަ؟..." ޒާރާ އަހައިލި އެވެ.

ޒެހެކް އިށީނދެގެން އިން މޭޒުގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނދެގެން އިން އާރްޔަންއަށް އަވަސް ނަޒަރެއް ދިނެވެ. ޒެހެކް ބަލައިލުމުން، އާރްޔަން ނިތް އަރުވައިލި އެވެ.

"ބިޒީއެއް ނޫން..." ޒެހެކް ބުންޏެވެ. "ބުނަން ބޭނުން ކޮންމެ އެއްޗެއް ދޮންތަ ކައިރީ ބުނެވޭނެ... ދޮންތައަށް އެނގޭ ކޮންމެސް ވާހަކައެއް ބުނަން ބޭނުންވެގެން ކަން ތި ގުޅީ..."

"މިވާހަކަ އެނގުނީމަ އެންމެން އަހަރެންދެކެ ރުޅި އައިއްސިއްޔާ؟..." ވަރަށް ނުކެރި ހުރެފައި، ޒާރާ އަހައިލި އެވެ.

ޒާރާ އެހާ ގާތްކޮށް ވާހަކަ ދެއްކުމުން، އުފާވި ނަމަވެސް، ޒެހެކްގެ ހިތް ނުތަނަވަސް ކުރުވިއެވެ. ދައްކަން އުޅޭ ވާހަކަ ޒެހެކަށް އެނގޭ ކަހަލަ އެވެ.

"ތިވާހަކަ ނުބުނެ ހުރެގެން ކަންތައް މާ ގޯސްވެއްޖެއްޔާ ކޮއްކޮއަށް އެހީ ވާނީ ކާކު؟... ގޯސްކަމެއް ކޮށްފިއްޔާ، އެންމެންވެސް ރުޅި އަންނާނެ... އެކަމަކު، ބޮޑު ކަމެއް ދިމާވާ ދުވަހު، ކައިރީގަ ތިބޭނީވެސް ހަމަ އާއިލާގެ މީހުން... ކިތަންމެ ރުޅި އަޔަސް، އެ ދުވަހަކުން، އާއިލާގެ މީހުން އެހީވާނެ... އިންސާނުންނަށޭ ކުށްވެސް ކުރެވޭނީ..." ޒެހެކް ވާހަކަ ދެއްކީ ވިސްނުންތެރި ކަމާއި އެކުގަ އެވެ.

"އޭނަ އަތުގަ... ހުންނާނެ... އަހަރެންގެ... ފޮޓޯތަކެއް..." ހުއްޓަމުން ކަހަލަ ގޮތަކަށް ޒާރާ ބުންޏެވެ.

ޒާރާ ބުނި އެއްޗެއް އެނގުމުން، ޒެހެކަށް ދެލޯ މަރައިިލެވުނެވެ. އެއީ އަންހެނެއްގެ ބަރަހަނާ ތަސްވީރުތަކެއް ގެންގުޅެގެން ފުލުހުން ހައްޔަރު ކުރަން އުޅުނު މީހާ ކަންވެސް، ޒެހެކަށް އެނގުނެވެ. ރުޅިއަށްވުރެ ބޮޑަށް ކޮއްކޮއަށް ނުވިސްނުނީތީ ޒެހެކް ވީ ދެރަ އެވެ. އެއްޗެއް ނުބުނެ ދެން ހޭދަވެގެން ދިޔަ ވަގުތުކޮޅު ޒާރާގެ މަޑު ގިސްލުމުގެ އަޑު ޒެހެކަށް އިވުނެވެ.

"ކިހިނެއް އޭނައަށް ކޮއްކޮގެ ފޮޓޯތައް ލިބުނީ؟..." ޒެހެކް ސުވާލު ކުރިއެވެ.

"އެއީ... އެއީ..." ހަގީގަތް ހާމަކުރަން ޒާރާ ނުކުޅެދުނެވެ.

ޒާރާ ފޯނު ކަނޑައިލުމުން، ޒެހެކް އިރުކޮޅަކު ވިސްނައިލަން އިނެވެ.

"ކިހިނެއްވީ؟..." އާރްޔަން އަހައިލި އެވެ.

"މީ ކޮންކަހަލަ ކަމަކަށް ބޭނުންކުރާ ބޭހެއްތޯ ބަލައިދީބަލަ..." ދަބަހުން ނެގި ބޭސްގުޅަ މޭޒުމަތީގައި ބާއްވައިލަމުން، ޒެހެކް ބުންޏެވެ.

ބޭސްގުޅަ ފެނުމާއިއެކު އާރްޔަންގެ ދެލޯ ބޮޑުވިއެވެ. އެއީ ދަތުރު ދިޔަ ދުވަހު ޒެހެކްގެ ގެންގުޅުނު ބޭހެވެ. އެކަމަކު ކުއްލިއަކަށް އެ ބޭހާއި ބެހޭގޮތުން ޒެހެކް ސުވާލު ކުރީ، ކީއްވެ ހެއްޔެވެ؟

"މިވާހަކަ ދައްކަން އަހަންނަށް ވަރަށް އުނދަގޫ... އެކަމަކު، ގޭ މީހަކަށް މިވާހަކަ އަދި ކިޔާދެވޭކަށްވެސް ނެތް..." ޒެހެކް ދޫކޮށްލީ ފުން ނޭވާ އެކެވެ. "އަހަންނަށް ހީވަނީ، ހީވަނީ، އަހަރެންގެ ކޮއްކޮ އަކީ..." ޒެހެކް އޭނަގެ ވާހަކަ ހުއްޓައިލި އެވެ.

"ތި ބޭހަކީ، މަސްތުވާ ތަކެތި ބޭނުންކުރާ މީހުން، ކާ އެއްޗެއްތަ؟..." ޒެހެކް އަހައިލި އެވެ.

އެހާ ސީރިއަސް ވާހަކައެއް ފަށާފައި ޒެހެކް ދެން ބުނި އެއްޗަކުން، އާރްޔަންގެ ހިނިގަނޑު ފަޅައިގެން ދާން އުޅުނެވެ. ޒެހެކް އާއި ދިމާއަށް ކުޑަ ކުއްޖެކޭ ބުނާހިތް ވިއެވެ.

"މީ އެކަހަލަ ބޭހެެއް ނޫން..." ހާލަތުގެ ގޮތުން އާރްޔަން ވާހަކަ ދެއްކީ، ހިނިގަނޑު މައިތިރި ކުރަމުންނެވެ. "އެކަމަކު، ތީ ރައްކާތެރި އެއްޗެއް ނޫން... ޚާއްސަކޮށް ޒީއަށް..."

އާރްޔަން ދެން ކިޔައިދިން ވާހަކަ އަކުން، ޒެހެކަށް ހުރިހާ ކަމެއް އެނގުނެވެ. ދަތުރު ދިޔަ ދުވަހު، ޒެހެކްގެ ބޭސްތައް ބަދަލުކުރީ، ޒާރާ އެވެ. އެކަމަކު އެއީ ޒާރާ ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ ކުޑައިރޫއްސުރެ ޒާރާ ރުޅި އަންނަކަން ޒެހެކަށް އެނގެއެވެ. އެކަމަކު، އެވަރުގެ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރަންވެސް އޭނައަށް އުނދަގޫ ވިއެވެ. ޒެހެކްގެ ދެލޯ ފެންކަޅިވި ނަމަވެސް، ގަދަކަމުން ކަރުނަތައް ހިންދައިލި އެވެ.

********

"ތީ ގާތިލުންތަކެއް..." ދިމްރާގެ ހަޅޭކުގެ އަޑު މުޅި ކޮޓަރީގައި ގުގުމައިލި އެވެ. "އަހަންނަށް ކަލޭމެންގެ ހަގީގަތް އެނގިއްޖެ!... އިތުރަށް ސިއްރު ކުރެވޭނެ އެއްވެސް ކަމެއް ނެތް..."

ކޮޓަރިއަށް ވަދެގެން އައި އައިމިނާ މަނިކެގެ ތުންފަތުގައި ވީ ވިހަ ހިނިތުންވުމެކެވެ. ދިމްރާއަށް ހަގީގަތް އެނގުމުން، އިތުރަށް ފޮރުވާކަށް އޭނަ ނޫޅުނެވެ. ފުރަގަހަށް ލާފައިވާ އައިމިނާ މަނިކެގެ އަތުގައި އިންޖެކްޝަނެއް އޮތެވެ. އޭގައި ރަނގަޅަށް ހިފަހައްޓައިލަމުން، ދިމްރާ އާއި ދިމާއަށް އޭނަ ދިޔަ އެވެ.

"އެހެން އެކަން ވާންޖެހުނީ ކަލޭގެ މަންމަގެ ސަބަބުންނޭ..." އައިިމިނާ މަނިކެ ބުންޏެވެ.

ރޮއެރޮއެ ދިމްރާގެ ދެލޯ ފެންކަޅިވަމުން ދިޔަ އެވެ. ބުނަން ބޭނުން ކިތަންމެ އެއްޗެއް ހުއްޓަސް، ބުނެވޭ ގޮތެއް ނުވިއެވެ. ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމަކާއި އަމިއްލަ ނަފުސުގެ ބޮޑާ ކަމާއިމެދު ފުރަތަމަ ފަހަރަށް ދިމްރާއަށް ވިސްނައިލެވުނެވެ. އިންސާނުންނަކީ ނިކަމެތި ބަޔެކޭ ބުނަނީ ކީއްވެކަން ދިމްރާއަށް މިއަދު އެނގިއްޖެ އެވެ. ދިރިއުޅުމުން ލިބުނު ފިލާވަޅު ކިތަންމެހާވެސް އިބުރަތްތެރި އެވެ.

********

ޒެހެކް ގެއަށް އައިއިރު، ޒާރާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ދެލޯ މަރާލައިގެން އޮތްއިރު، ޒާރާގެ ލޮލުގެ ހިމަކޮޅުން ކަރުނަ އޮހެމުން ދިޔަ އެވެ. ކުރެވުނު ކަންތަކާއި ޒާރާ ހިތާމަކުރާ ވަރު، ޒެހެކަށް އެނގުނެވެ.

"އަމިއްލަ ނަފުސު އަނދަވަޅެއްގެ ތެރެއަށް ވައްޓާލީ، މިހެންވެތަ؟..." ޒާރާގެ ކައިރީގައި އިށީނދެފައި ޒެހެކް އޭނާގެ މުށް ހުޅުވައިލި އެވެ.

ޒާރާ ބަލައިލިއެވެ. ޒެހެކްގެ އަތުގައި އޮތް ބޭސްގުޅަ ފެނުމުން، ޒާރާ ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ޒެހެކްގެ އަތުން ބޭސްގުޅަ އަތުލައި އަތް ފުރަގަހަށް ލިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
61%
24%
12%
3%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު