ނަހީކު ދެން ކޮށްލި ކަމަކުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މާ ލޯބިވެއްޖެނަމަ، ގަދަކަމުންވެސް ނަހީކު އަހަރެން ހެއްވައިލާނެއެވެ. ހެމުން ގޮސް، ވަރުބަލިވެގެން ހުއްޓައިލުމަށް އެދުނީމެވެ. އޭރު އަހަރެންގެ ދެލޮލުން ފެން އައިސްފިއެވެ. ނަހީކު، އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި މަޑުމަޑުން ދެކޮނޑުގައި ހިފައި، އެނދުގައި ބާއްވައިލިއެވެ.
********
"އަހަރެން ބޭނުން މިރޭ ހިތް ފުރެންދެން މި މޫނަށް ބަލަން އޮންނަން..." އަހަރެންގެ މޫނުގައި އިނގިލި ޖައްސައި، މަޑުމަޑުން ތިރިއަށް ގެންނަމުން ނަހީކު ބުންޏެވެ. "ހާދަ ދުވަހެއް ވެއްޖެއޭ މިކުއްޖާ މިހާ ކައިރިން ދެކިލާހިތުން އުޅޭތާ..."
"ނިކް..." އަހަރެން މަޑުމަޑުން ގޮވައިލީމެވެ.
"ހޫމްމް..." އަހަރެންގެ މޫނަށް ބަލަން އޮވެ، ނަހީކު ބުންޏެވެ.
"ވާހަކައެއް ބުނަންތަ؟..." އަހަރެން އަހައިލީމެވެ.
"އަވަހަށް ބުނޭ..." ނަހީކުގެ މޫނުން ފެނުނީ ޝައުޤުވެރިކަމެވެ.
އަހަންނަށް ހިފަހައްޓައިލެވުނީ ނަހީކުގެ އަތުގައެވެ. އެ އަތް ގެންގޮސް، އަހަރެންގެ ބަނޑުމަތީގައި ބާއްވައިލީމެވެ. އެވަރުންވެސް އަހަރެން ބުނި އެއްޗެއް ނަހީކަށް ފަހުމެއް ނުވިއެވެ.
"ރެސްޓްކުރަންޖެހޭ ދުވަސްކޮޅުތަ؟..." ނަހީކު އަހައިލިއެވެ.
އަހަރެން ބޯ ހޫރައިލީމެވެ. އެއަށްފަހު، ލައިގެން އޮތް ހެދުން، ބަނޑާއި ހަމައަށް އުފުލައިލުމަށްފަހު، ނަހީކުގެ އަތް ބަނޑުގައި ޖައްސައިލީމެވެ. ނަހީކަށް އެއްޗެއް ވިސްނުނީ ދެނެވެ. އަހަރެންގެ ހިނދިފައިވާ ބަނޑު ކުޑަކޮށް އުފުލިފައިވާކަން އެނގުނު ފަދައިން، ބަނޑުގެ ވަށައިގެން ފިރުމައިލިއެވެ.
"ލަވް..." ނަހީކު އަހަރެންގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ. ގަބޫލު ކުރަން ދަތިވެފައިވާފަދަ ނަޒަރަކުން އަހަރެންގެ މޫނަށް ބަލަން އޮވެފައި، މަޑުމަޑުން ތިރިއަށް ޖެހިލިއެވެ. އެއަށްފަހު، ބަނޑުގައި ކަންފަތް ޖައްސާލައިގެން އިރުކޮޅަކު އޮތެވެ.
"އަހަރެމެންނަށް ބޭބީއެއް ލިބެނީތަ؟..." ނަހީކުގެ އަޑު ކުރެހުނެވެ. "އެބަ ހީވޭ އަޑު އިވޭހެން..."
އަހަރެން ބޯ ޖަހައިލުމުން، ނަހީކު ފެށީ ރޯށެވެ. އަހަރެންގެ ގައިގައި ބައްދާލައިގެން އޮވެ، އެތައް އިރަކު ނަހީކު ރުޔެވެ. އަހަންނަށްވެސް ވީ އެވަރެވެ. ނަހީކެކޭ އެއްވަރަށް އަހަންނަށްވެސް ރޮވުނެވެ.
********
ފުން ނިންޖެއްގެ ތެރޭގައި އޮވެފައި އަހަންނަށް ހޭލެވުނީ، އިރުގެ އަލި މޫނަށް އެޅުމުންނެވެ. ކުޑަދޮރުގެ ތެރެއިން ފުރޭނިގެން އައިސް، އިރުގެ އަލި އެޅިފައިވީ ސީދާ އެނދުގެ އަހަރެން އޮތް ދިމާއަށެވެ. އަހަންނަށް ފުރަތަމަވެސް ހޯދައިލެވުނީ، ނަހީކެވެ. ރޭގައި ނަހީކުގެ ލޯބިވެތި ޖުމްލަތަކާއިއެކު، ކުރަމުންދިޔަ ސަމާސާތަކުން ހިތް ފުރިފައިވާ ހާލު، އަހަންނަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. އެނދުގައި ނަހީކު އޮތް ފަޅި އޮތީ، ހުސްކޮށެވެ. ކޮޓަރިތެރެއިންވެސް، ނަހީކު ފެންނާކަށް ނެތެވެ. ކޮޓަރީގެ ދޮރު ހުޅުވައިލާފައި ނަހީކު އެތެރެއަށް ވަނީ، އަހަރެން ފެންވަރައިގެން ނުކުތް ފަހުންނެވެ. ނަހީކުގެ އަތުގައިވާ ތަބަކުގައި ބިސްގަނޑަކާއި، ކިރުތައްޓެއްގެ އިތުރުން، ފިހެލާފައި އޮތް ޕާންފޮއްޗެއް އޮތެވެ. ތަބައް މޭޒުމަތީގައި ބަހައްޓާފައި ނަހީކު އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ.
"ދޮންވަސްދުވަނީ..." އަހަރެންގެ ތެމިފައިވާ އިސްތަށިގަނޑުގައި މޫނު ޖައްސައިލަމުން ނަހީކު ބުންޏެވެ. "އަހަރެންގެ ކުޑަކުޑަ ބޭބީވެސް ފެންވަރާލައިގެންތަ މިއައީ... މިހާރު ބޭބީ ބަނޑުހައިވެފައޭ އޮންނާނީ... ހިނގާ އަވަހަށް ކާން..."
ނަހީކުގެ ލޯބިން އަހަރެންގެ ހިތް ފުރާލަދިނެވެ. ދުވަހަކު ނިމުމެއް އަންނަން ބޭނުންނުވާނޭ ލޯބި އޭނާގެ ފަރާތުން އަހަންނަށް ލިބެމުން ދިޔައެވެ. ބަނޑުބޮޑުކަން އެނގުނު ހިސާބުން ފެށިގެން، ނަހީކު އަހަރެން ލައްވާ އެއްވެސްކަމެއް ކުރުވަން ބޭނުންނުވާ ކަހަލައެވެ. އަބަދު ހުންނަނީ ކައިރީގައެވެ. އަހަރެން ރީތިވާން އިންއިރުވެސް، ކައިރީގައި އެކި ކަންކަން ކޮށްލަދޭން ހުއްޓެވެ. އިސްތަށިގަނޑު ހިއްކައިދީ، ފުނާ އަޅުވައިދިނެވެ.
ނަހީކު މުޅީން ރަނގަޅު ނުވަނީސް، އަހަންނަށް ކައްކާފައި ކާންދޭކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. ކާއެއްޗެހި ފެނުމުން، ޝަކުވާކުރަން އަނގަ ހުޅުވައިލީމެވެ. އެހެނަސް، ނަހީކު އެ ފުރުސަތެއް ނުދިނެވެ.
"އެކަމަކުވެސް ނިކް... ނިކް އަދި އެއްކޮށް ރަނގަޅުނުވާއިރު..." ނަހީކު އަހަރެންގެ އަނގަމަތިން އަތް ނެގުމުން، ބުނީމެވެ.
"ދެން ލަވް އުޅެންވާނީ އަހަރެން ބުނާ ގޮތަށް..." ނަހީކު އަހަރެން ގެންގޮސް އެނދުގައި ބައިންދާލިއެވެ.
"ހިނގާ ބޭރަށް... ނިކްއާއެކީ ކާނީ..." ތަބައް ހިފައިގެން ތެދުވަމުން އަހަރެން ބުނީމެވެ.
ސަޔަށް އިންސާފުކުރަމުންދިޔައިރު، ނަހީކުގެ ނަޒަރު އެންމެ ވަގުތުކޮޅަކަށްވެސް އަހަރެންގެ ބަނޑުން ވަކިނުވެއެވެ. ސައިބޮއެގެން އަހަރެން ތެދުވުމުންވެސް ކައިރިން ދުރަށް ނުދެއެވެ. ހީވަނީ އަހަންނަށް ކަމެއްވެދާނެތީ، ބިރުން އުޅޭ ހެންނެވެ. އަހަންނަށް މަޖުބޫރުވީ، ތަނެއްގައި އިށީންނާށެވެ. އެނޫން ގޮތަކުން، ނަހީކު ތަނެއްގައި ނީންނާނެކަން އެނގޭތީއެވެ. އަހަރެން ގޮސް ސޯފާގައި އިށީނދެފައި ޓީވީ އަޅުވައިލީމެވެ. ނަހީކު އައިސް ކައިރީގައި އިށީނެވެ.
"ބޭބީ މޫވްކުރޭތަ؟..." ބަނޑުގައި އަތް ޖައްސައިލަމުން ނަހީކު އަހައިލިއެވެ. "މަންމިއަށް ތަދުކުރަންތަ ދަރިފުޅޫ؟..."
އަހަންނަށް ހެވުނެވެ. ތުންފިއްތާލައިގެން އަހަންނަށް ބަލަން ނަހީކު އިނެވެ. އެހެން އިނދެ، ވަރަށް ލޯބިން މޫނުގައި ފިރުމައިލިއެވެ.
"ލަވް ތީ، އަބަދުވެސް ތިހާ ސްވީޓް ކުއްޖެއް... އަހަރެން ފުރައިގެން އައިފަހުން، އައި ބަދަލަކީ މީ ދޯ..." ބަނޑަށް އިޝާރާތްކުރަމުން، ނަހީކު ބުންޏެވެ. " ކުކުޅެއްހެން އަބަދު ފުއްވާލާފަ އޭރު ހުންނަނީ... އަހަންނަށް ކުރިން އެނގުނުނަމަ، އުދުހިލާފަވެސް ލަވް ކައިރިއަށް ދާނަން..."
"ނިކް..." ނަހީކު ހަސްފަތާލުގައި އޮތް ދުވަހު ކުރެވުނު އިހުސާސްތަކުގެމަތިން ހަނދާންވެ، އަހަންނަށް ރޮވޭގޮތް ވިއެވެ. "އަހަރެން ކިހާ ދެރަވީސް، ކިހާ ދެރަވީސްތަ، ނިކް އަހަރެން އެކަނިކޮށްލާފަ ދިޔަނަމަ... ބޭބީގެ ވާހަކަ ނުވެސް ބުނެވި އުޅެނިކޮށް..."
އަހަންނަށް ގިސްލާފައި ރޮވެން ފެށުމުން، ނަހީކު އޭނާގެ އަތުގެ ތެރެއަށް އަހަރެން ގެންދިޔައެވެ. އިރުކޮޅަކު އެގޮތުގައި އިނދެފައި، ދެކޯތާފަތުގައި ހިފަހައްޓައިލިއެވެ. ބޮޑުވައި އިނގިލިން ކަރުނަތައް ފޮހެލަދިނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު، އަހަރެން އުޅުނީ އިސްޖަހައިލާށެވެ. ނަހީކު އެފުރުސަތެއް ނުދިނެވެ. އޭނާގެ މޫނު އަހަރެންގެ މޫނާއި ކައިރިކޮށްލީ، ނުރައްކާތެރި ދަރަޖައަކަށެވެ. އެންމެ ގާތްވެލުމަކުން، އަހަންނަށް ދެލޯ މަރައިލެވުނެވެ. އެޅިގެންދިޔަ ހޫނު ނޭވާގެ އިހުސާސާއިއެކު، ހޭދަވެގެންދިޔަ އުފާވެރި ވަގުތުކޮޅުގެ ސަބަބުން، އަހަރެންގެ ހިތާމަތަކަށް ނިމުން ގެނުވި ކަހަލައެވެ. ހަޔާތަށް ދިރުންލިބި، ބަހާރު މޫސުން އައިކަމުގެ އިހުސާސް ކުރެވުނެވެ.
8 މަސް ފަސް
ހަލަބޮލި މަގުތަކުން ކާރު ދުއްވާފައި ގޮސް، މަންޒިލަށް ކާރު ހުއްޓައިލިއެވެ. ކުރިމަތިން ފެންނަން ހުރީ، އަހަންނާއި ނަހީކުގެ ގެއެވެ. ދޮރުމަތީގައި މަންމަ އާއި ކޮއްކޮ ހުރީ، އަހަރެމެންގެ އިންތިޒާރުގައެވެ. ކާރު ހުއްޓައިލުމުން، ކޮއްކޮގެ އަތުގައި ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި މަންމަ އައެވެ. ކާރުގެ ދޮރު ހުޅުވާލަދިނުމުން، އަހަރެން ކާރުން ފޭބީ، އުނދަގޫ ގޮތަކަށެވެ. ތިންމަހުގެ ތުއްތު ދަރިފުޅު ގޮވައިގެން، އަހަރެންގެ ފަހަތުން ނަހީކުވެސް ކާރުން ފޭބިއެވެ.
"އޯހް... މާމަގެ ފުށްގަނޑު މިއޮތީ، ނިދާލާފައޭ ދޯ... މީ ހަމަ ބައްޕަ، ތަފާތެއްވެސް ނެތޭ ދޯ ދަރިފުޅޫ..." ނަހީކުގެ އަތުން ދަރިފުޅު އަތުލަމުން މަންމަ ބުންޏެވެ. "މާމަގެ ނޯޔާ ދަރިފުޅު... ދިގު ދަތުރެއް ކޮށްލާފައޭ ދޯ މިއައީ... ދެން ހޭލާފަ އަވަހަށް މާމައަށް ބަލާލަބަލަ..."
އަހަރެމެންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކަށް ކީ، ނޯޔާއެވެ. ނޯޔާއަކީ ނަހީކަށް ރީތިވި ނަމެކެވެ. ދަރިފުޅުގެ ހުރިހާ ކަމެއް އަހަރެން ކުރީ، ނަހީކު ބޭނުންވި ގޮތަށެވެ. ނަމުން ފެށިގެން، ދަރިފުޅުގެ އަންނައުނާއި ޖެހެންދެންވެސް، ނަހީކުގެ ހޮވުމެވެ. ގޭތެރެއަށް ވަދެ، ކުޑަ އެނދުގައި ދަރިފުޅު ބާއްވައިލާފައި މަންމަ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ.
"ވިހޭމަ، ދަރިފުޅު ކުޑަކޮށް ރޫފަ ރަނގަޅުވެލައިފި ދޯ..." މަންމަ އޯގާތެރި ރާގަކަށް ބުންޏެވެ.
މަންމަ ފެނުމުން، އަހަރެން ހުރީ، ފެންކަޅިވެފައެވެ. މައެއްގެ ލޯތްބާއި، ދަރިއަކު ބޮޑުކުރުމަށް އެ އުފުލާ ވޭން، އަގު ނުކުރެވޭހައި މަތިވެރިއެވެ. ވަކީން ޚާއްސަކޮށް، ބައްޕައަކާއި ނުލައި، ދަރިއަކު ބޮޑުކުރަން ކިހާ ވޭނެއް އުފުލަންޖެހޭނޭ ހެއްޔެވެ؟ އަހަންނަށް މަންމަގެ ގައިގައި ބައްދައިލެވުނެވެ. އަނގައިން ނުބުނި ކަމުގައިވިޔަސް، މަންމަގެ ޚިދުމަތްތަކަށް ހާސްފަށުން ޝުކުރުއަދާކުރެވުނެވެ. އަހަންނަށް މަންމަ އާއިމެދު ކަންތައް ކުރެވިފައިވާ ގޮތާއިމެދު ހިތާމަކުރީމެވެ.
"ދަރިފުޅާ!..." މަންމަ ވަރަށް ލޯބިން ގޮވައިލިއެވެ. އަހަރެންގެ އެންމެ އަމަލަކުން އަހަރެންގެ ހިތް މަންމައަށް އެނގުނު ކަހަލައެވެ. "މަންމައެއްގެ އިހުސާސް މިހާރު ދަރިފުޅަށް ކުރެވޭދޯ..."
އަހަރެން ބޯ ޖަހައިލީމެވެ. އެވަގުތު ކޮއްކޮ އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ.
"ކޮއްކޮ ހަދިޔާ ކޮބާ؟.... މަންމަ ބުނި ހަދިޔާ ގެންނާނޭ..." ކޮއްކޮ މައުސޫމު ރާގަކަށް ބުންޏެވެ.
ގެނައި ހަދިޔާތައް ހިފައިގެން އައިސް ކޮއްކޮއަށް ދިނުމުން، އުފަލުން ދުވެފައި ގޮސް ސޯފާއަށް އެރިއެވެ. ކަރުދާސްތައް ހަލާކުކޮށްލައިގެން، އެތެރޭގައި އޮތް އެއްޗެހި ނެގިއިރު، ކޮއްކޮގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މަންމައަށް ގެނައި ހަދިޔާތައް ދީފައި، ބާކީ ހުރި އެއްޗެއްސަށް ބަލައިލީމެވެ. އެއީ ނަހީކުގެ ކާފައަށާއި މާމައަށް ދިނުމަށް އަހަރެން ގެނައި އެއްޗެއްސެވެ. އޭގެ އިތުރުން އޮތީ، އާހިލްއަށް ގެނެސްދިން ހަދިޔާ އެކެވެ.
"ދަރިފުޅު... ދެން ހިނގާ ގެއަށް... މިހާރު އެއޮއް އަށެއް ޖަހަނީ.... ކޮއްކޮވެސް ނުހޭލިއެއްނު ދޯ... ދެން މާދަމާ އަންނާނީ..." ކޮއްކޮ ނިދިއައިސްގެން ދެލޯ އުނގުޅަން ފެށުމުން މަންމަ ބުންޏެވެ.
މަންމަމެން ދިޔުމުން، އަހަންނާއި ނަހީކު އެކަނިވިއެވެ. ނަހީކުގެ ސަމާސާކުރުންތައް ފެށުނެވެ. އަހަރެން ހެއްވަން ފެށިއެވެ. މަޖަލަށް ފެށި ނަމަވެސް، ނަހީކުގެ ވިސްނުން ހުރީ އެހެން ދިމާއަކަށެވެ.
"ބޭބީ ހޭލަފާނެ..." ކުޑަ އެނދާއި ދިމާއަށް ބަލައިލަމުން އަހަރެން ބުނީމެވެ.
"ހޭލާނެއެއްނު، އަބަދު ނިދާކަށް ނުވާނެއޭ..." އަހަންނާއި ދުރަށްޖެހިލަންވެސް ނަހީކު ބޭނުންނުވާ ކަހަލައެވެ. "މި ބޭބީވެސް މިހުރީ ހޭލައެއްނު..."
"ދެން ނިކް..." އަހަރެން ނަހީކުގެ އަތުގެ ތެރެއިން ވީއްލިގަތީމެވެ.
"މެރީކޮށްގެން މިގެއަށް އައި ދުވަސްކޮޅުމަތީން ހާދަ ހަނދާންވެއޭ..." ނުރައްކާތެރި ދަރަޖައަކަށް އަހަންނާއި ކައިރިވެލަމުން ނަހީކު ބުންޏެވެ. "ހަނދާންކޮށްލަން ބޭނުންތަ؟..."
ނަހީކުގެ އަމަލުތަކުން އަހަރެންގެ ނިޔަތްވެސް ގޯސްވިއެވެ. ނަހީކުގެ ހަރަކާތުގައި ބައިވެރިވެވެން ފެށުނެވެ. ގިނައިރުތަކެއްނުވެ، ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. އެވަރުންވެސް ދުރަށްދާކަށް ނަހީކު ނޫޅުނެވެ. އެ އަތުގެ ތެރެއިން ވީއްލިގަނެގެން ގޮސް ދޮރު ހުޅުވައިލީމެވެ. ދޮރުމަތީގައި ހުރީ އާހިލް އެވެ.
"ކޮބާ ހަދިޔާ؟..." އަހަރެން ފެނުމާއިއެކު، އާހިލް އަހައިލީ ލާނެތް ރާގަކަށެވެ.
"ރަނގަޅަށް ދޮރުވެސް ނުހުޅުވެނީސް، ހަދިޔާގެ ވާހަކަ... ހާދަ އަމިއްލައެދުންބޮޑު މީހެކޭ..." އަހަރެން ލޯ އަޅައިލީމެވެ.
އާހިލް އެއްޗެއް ނުބުނެ، ގޭތެރެއަށް ވަދެގަތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އޭނާގެ މިސްރާބު ހުރީ ކުޑަ އެނދާއި ދިމާއަށެވެ.
"މިއޮތީއެއްނު އަހަރެންގެ ހަދިޔާ..." ނޯޔާ ދައްކައިލަމުން، އާހިލް ބުންޏެވެ.
ދަރިފުޅުގެ މޫނުގައި އާހިލް އަތް ޖައްސައިލި ވަގުތަކީ ނޯޔާ ހޭލައިގެން ރޯން ފެށި ވަގުތެވެ. ތޫލި އަޑަކުން، ބާރުބާރަށް ރޯން ފެށުމުން އާހިލް ބިރުން ފަހަތަށް ޖެހުނެވެ.
"މަންމި ބޭބީ ބަސްއަހައިގެން އޮއްވާ، އާހިލްބެ އައިސް ރޮއްވާލީއޭ ދޯ..." ނޯޔާ އުރާލަމުން އަހަރެން ބުނީމެވެ.
"ބޭބެ ނުރޮއްވަން... މަންމި އެ އުޅެނީ، ބޭބެއާ ތޮޅޭހިތުން..." އާހިލް ބުންޏެވެ.
"ބޭބީ ބަނޑުހައިވިއްޔޭ ދޯ.... ބަނޑުކޮޅު ފުރާލައިގެން އާހިލްބެ ކައިރިއަށް ދާނަމޭ ދޯ ދަރިފުޅު...." ނޯޔާގެ ކޮލުގައި ތުންފަތް ޖައްސައިލަމުން އަހަރެން ބުނީމެވެ.
ނަހީކު ފާޚާނާއިން ނުކުތްއިރު، އާހިލް ބޭރަށް ނުކުންނަނީއެވެ. އާހިލްގެ ފަހަތުން ނަހީކުވެސް ބޭރަށް ނުކުތެވެ. ދަރިފުޅު މަސަލަސްކޮށްގެން އަހަރެން ނުކުތްއިރު، އާހިލްއަށް ގެނައި ހަދިޔާ ނަގައިގެން ނަހީކު އުޅުނެވެ. އަހަރެން ވަގުތުން އެ އަތުލާފައި އާހިލްއަށް ދިނީމެވެ.
"މީ އަހަރެން އާހިލްއަށް ގެނެސްދިން އެއްޗެއް..." ނަހީކާއި ދިމާއަށް ވައްތަރެއް ޖައްސައިލަމުން އަހަރެން ބުނީމެވެ.
ނަހީކާއި އާހިލް އެއްފަހަރާ ހީގަތެވެ. ފަންސާސް ދަރިން ލިބުނަސް، ދުވަހަކު އަހަރެން ބޮޑެއް ނުވާނެކަމުގައި ބުނެ، ދިމާކުރިއެވެ. ނޯޔާއަށް ވާހަކަ ދައްކާ ސަމާސާކޮށްލަން އާހިލް ވަރަށް ގިނައިރު ވަންދެން އިނެވެ.
"ނިކް... މާމަ ބަލިވެގެން ކާފައާއެކީ އައިސް އެބައުޅޭ... އަހަރެން މާދަމާ އެމީހުން ގޮވައިގެން މިގެއަށް އަންނަންތަ؟... ވަރަށް އުފާވާނެ ނިކްމެން ފެނުނީމަ..." އާހިލް ބުންޏެވެ.
"ނޫނޭ..." އަހަރެން ވަގުތުން ދެކޮޅުހެދީމެވެ. އަހަރެން އެފަދައިން ކަންތައް ކުރުމުން، ނަހީކުވެސް ސިހިފައި އަހަރެންގެ މޫނަށް ބަލައިލިއެވެ. "އަހަރެމެން މާމަމެން ކައިރިއަށް ދާނީ ދޯ..."
ނަހީކު އެއްޗެއް ނުބުނެ އަހަރެންގެ މޫނަށް ބަލަން އިނެވެ. ބުނާނެ އެއްޗަކާއިމެދު ވިސްނައިލާފަދަ ގޮތަކަށެވެ. އަހަރެން އަވަހަށް މައުޟޫޢު ބަދަލުކޮށްލީމެވެ. އާހިލް ދިޔުމުންވެސް ނަހީކަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދެމެވެ. ނަހީކު ކިރިޔާ އެއްޗެއް ބުނަން އުޅޭހެން ހީވިޔަސް، އަވަހަށް އެތަނުން ދަނީއެވެ. އެކަމާއި ދެކޮޅުހަދާނެ ފުރުސަތު ނަހީކަށް ދޭން އަހަރެން ބޭނުންނުވީއެވެ.
ޖެހިގެން އައި ދުވަހުގެ އަސުރުނަމާދުކޮށްގެން ނަހީކު އައިއިރު، އަހަރެން ހުރީ ތައްޔާރުވެލައިގެންނެވެ. ނޯޔާވެސް ތައްޔާރުކޮށް ނަލަހައްދައިލީމެވެ. އާހިލްގެ ކައިރީ ބުނެގެން މާމަމެން އުޅޭ ގޭގެ މައުލޫމާތު އަހަރެން އޮންނާނީ ހޯދާފައެވެ. އެ ގަޑިއަށް އާހިލްވެސް އެގޭ ކައިރިއަށް ދާނެކަމުގައި ބުންޏެވެ.
"ލަވް... އަހަންނަކަށް ނުކެރޭނެ މާމަމެންނާ ފޭސްކުރާކަށް..." ނަހީކު ދެރަވެލާފައި ބުންޏެވެ.
"އަހަރެން މިހުރީނު... ނޯޔާވެސް މިއޮތީނު... އާހިލްވެސް ދާނެއޭ... ނިކް ހާސްނުވެބަލަ...." އަހަރެން މަސައްކަތްކުރީ ނަހީކަށް ވިސްނައިދޭށެވެ.
އިރުކޮޅަކު ބަހަނާ ދައްކާފައިވެސް ނަހީކު އެއްބަސްވިއެވެ. އެންމެން ނުކުތްއިރުވެސް، އާހިލްއަކަށް ނާދެވުނެވެ. ކުއްލިއަކަށް ކަމެއް ޖެހުނީކަމުގައި ބުނެ، ނާދެވޭނެކަމަށް އާހިލް ބުންޏެވެ. އާހިލް ފޮނުވި އެޑްރެހަށް ގޮސް، ބެލް ޖަހައިލީމެވެ. ދޮރު ހުޅުވައިލުމާއިއެކު، ފެނުނު ސޫރައަކުން، އަހަންނަށް ލިބުނީ ސިހުމެކެވެ.
(ނުނިމޭ)