ވާހަކަ
ކުރަމޭ ބަޔާން... 24

"ނާނާ..." ގޭތެރެއިން އަންހެން ކުއްޖަކު ގޮވައިލި އަޑު އިވުނެވެ.

ދޮރުމަތީގައި ހުރި މީހާ ކޮންމެވެސް އެއްޗެއް ބުނުމުން، ގޭތެރެއިން އެ ކުއްޖަކު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ދޮރުމަތީގައި ހުއްޓުނެވެ. ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނުމާއިއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ.

"ޖޭސްމީން!..." އަހަންނަށް ބުނެވުނެވެ.

********

ޖޭސްމީންގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. އަހަރެންގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި، މުސްކުޅި އަންހެންމީހާގެ ކައިރީގައި ކޮންމެވެސް ވާހަކައެއް ބުންޏެވެ. އެމީހާ އަހަންނަށް ބަލައިލާފައި، ގޭތެރެއަށް ވަދެގެން ދިޔައީ އެގޮތް ބޭނުންވެގެން ނޫންކަން މޫނުމަތިން އެނގުނެވެ.

ޖޭސްމީން ފެނުމުން، ހައިރާންވީވަރުން، އަހަންނަށް ހުރެވުނީ، ގުޑިލަންވެސް ނޭނގިފައެވެ. އަންހެންމީހާ ދިޔަކަން ޔަގީންކުރުމަށްފަހު، ޖޭސްމީން ބޭރަށް ނުކުތެވެ. މަޑުމަޑުން ދޮރު ލައްޕައިލިއެވެ. އަހަރެންގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތީ، ގެއާއި ދުރަށެވެ. ގޯތިތެރޭގައި ހައްދާފައިވާ ބަގީޗާގެ ތެރެއިން ވަދެގެން ގޮސް، އިށީނުމަށް ޚާއްސަކޮށްފައިވާ މޭޒަކާއި ހަމައިން ޖޭސްމީން ހުއްޓުނެވެ. އަހަރެންގެ އަތުން ދޫކޮށްލީ ދެނެވެ.

"އިށީނދޭ..." ގޮނޑި ދައްކައިލަމުން ޖޭސްމީން އެދުނެވެ.

އަހަރެން އިށީނުމުން، ޖޭސްމީންވެސް އައިސް އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އަހަރެން ކުއްލިގޮތަކަށް އައުމުން ކަންނޭނގެއެވެ. ޖޭސްމީން ކަންބޮޑުވެފައިވާވަރު، އޭނާގެ އަމަލުތަކުން ހެކިދިނެވެ.

"ހިތަށް އަރާ ދޯ އަހަރެން ކީއްވެބާއޭ ނިކްއަށް އެވަރުގެ ކަމެއް ކޮށްދިނީ..." އަހަރެން އެއްޗެއް ނުބުނަނީސް، ޖޭސްމީން ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން އެކަން ކުރީ، އަހަރެންގެ ހިތް އެކަމަށް ބޭނުންވީމަ... ބަދަލުގަ އެއްވެސް ކަމެއް ބޭނުންވެގެނެއް ނޫން..."

"އަހަރެން މިއައީ ޝުކުރުއަދާކުރަން... ގޯސް އެއްވެސް ނިޔަތެއް އަހަރެންގެ ނެތް... ތި އިހުސާންތެރިކަން ދުވަހަކުވެސް ހަނދާންނައްތައެއް ނުލެވޭނެ..." އަހަރެން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

"އެހެންވިއްޔާ، އަހަންނަށް ހަމަ އެންމެ ކަމެއް ކޮށްދީ..." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ޖޭސްމީން ބުންޏެވެ. "މިކަންތައް އަހަރެންގެ އާއިލާއަށް ސިއްރުކޮށްދީ... މަންމަމެންނަށް އެނގިއްޖެއްޔާ، އަހަރެން ދިރިހުއްޓާ ވަޅުލާނެ..."

ޖޭސްމީން ދޫކޮށްލީ ފުން ނޭވާ އެކެވެ.

"ނިކްއަށް އެވަރުގެ ކަމެއް ކޮށްދިނީ ކީއްވެތޯ އަހާލެވިދާނެތަ؟..." އަހަރެން ހިތުގައި އުފެދިފައިވި ބޮޑު ސުވާލު ކުރީމެވެ.

"ނިކްދެކެ ލޯބިވާތީ..." އެއްވެސް ޖެހިލުންވުމެއްނެތި ޖޭސްމީން ބުންޏެވެ.

އަހަރެންގެ ހިތަށް ހީވީ، ތޫނު ކަށިތަކެއް ހަރާލި ހެންނެވެ. ޖޭސްމީން ކޮށްދިނީ ހެޔޮ ކަމެކެވެ. އެކަމަށް އަހަރެން ޝުކުރުވެރިވަމެވެ. އެކަމަކު، ޖޭސްމީންގެ ޖުމްލައިން އަހަރެންގެ ހިތަށް ތަދުވެއްޖެއެވެ. އެއީ އިންސާނީ ތަބީއަތެވެ. ބޭނުން ނުވިޔަސް، އެކަންވާނެ ގޮތްވެސް މެއެވެ. އަހަރެން ދޫކޮށްލާފައި ޖޭސްމީންގެ ކައިރިއަށް ނަހީކު ނުދާނެކަން އަހަންނަށް އެނގެއެވެ. އެކަމަކު، ދެރަވީ، ނަހީކަށްޓަކައި އަހަންނަށް ކޮށްނުދެވުނު ކަމެއް އެހެން އަންހެންކުއްޖަކު ކޮށްދިނުމުންނެވެ.

"ހާސްނުވޭ... އަހަރެން ނިކްދެކެ ކިތަންމެ ލޯބިވިޔަސް، ތި ދެމީހުންގެ ދެމެދަކަށް ނުވަންނާނަން... އަހަރެންގެ ސަބަބުން، ރިވާގެ ދިރިއުޅުމަށް އެއްވެސް ގެއްލުމެއް ނުވާނެ..." ޖޭސްމީން އިސްޖަހައިލިއެވެ. "އަހަރެންގެ ކިޑްނީ ނިކްއަށް ހަދިޔާކުރީ، ނިކްގެ ލޯބި އަހަންނަށް ލިބޭނެކަމަކަށް ނޫން... އަހަންނަށް އެނގޭ، ނިކް އަހަރެންދެކެ ލޯބި ނުވާކަން... ނިކް ލޯބިވަނީ، ހަމައެކަނި ރިވާދެކެ ކަންވެސް... އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ނިކް ދެކެނީ އަހަންނަކީ، ގާތް ރަހުމަތްތެރިއެއްގެ ގޮތުގަކަން އަހަންނަށް އެނގޭ..."

"ސޮރީ..." ޖޭސްމީންގެ އަތްމަތީގައި އަތް ބާއްވައިލަމުން އަހަރެން ބުނީމެވެ.

"ނޫނޭ... ރިވާ މާފަށް އެދޭކަށް ނުޖެހޭނެ... މީ އަހަރެންގެ ތަގްދީރު..." ޖޭސްމީން ހިނިތުންވެލިއެވެ. "އަހަންނަށް މާ ރަނގަޅު މީހެއް ލިބެންވެގެން ވީގޮތެއްކަމަށް ވާނީ..."

ޖޭސްމީން އާއި ވާހަކަ ދައްކާލުމުން، އަހަރެންގެ ހިތް ހަމައަކަށް އެޅުނެވެ. ޖޭސްމީންއަކީ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެކެވެ. އަޑުގައި ވަނީ ހިތްހެޔޮކަމެވެ. މޫނުމަތިން އެއްވެސް ދެއްކުންތެރިކަމެއް ނުފެނެއެވެ. ބޮޑާކަމާއި ކިބުރުވެރިގޮތެއް ނެތެވެ. އަހަރެން ގޮވައިގެން އަހަރެން އުޅޭ ގެއާއި ހަމައަށް ޖޭސްމީން އައީ އޭނާގެ ކާރުގައެވެ. ކާރު ދުއްވީވެސް ޖޭސްމީން އެވެ. ގޭގެ ދޮރުމައްޗަށް ކާރު ހުއްޓައިލުމަށްފަހު، އަހަންނާއިއެކު، އޭނާވެސް ކާރުން ފޭބިއެވެ.

"ތޭންކްޔޫ..." އަހަރެން ޝުކުރުއަދާކުރުމަށްފަހު، ގޭތެރެއަށް ވަނުމަށް ހިނގައިގަތީމެވެ.

"ރިވާ..." ޖޭސްމީން ގޮވައިލީ، ވާހަކައެއް ބުނަން ބޭނުންވެފައިވާ ފަދައިންނެވެ.

އަހަރެން ބަލައިލުމުން، ޖޭސްމީން ދިއްކޮށްލީ ތަސްވީރެކެވެ. އެއީ ނަހީކު އޭނާގެ މާމައާއި ކާފައާއި އެކުގައި ނަގާފައިވާ ތަސްވީރެކެވެ.

"ނިކް އެންމެ ބަލިވިއިރު، ވަރަށް ގިނައިން ދެއްކި ނިކްގެ މާމައާ ކާފަގެ ވާހަކަ... ވަރަށް ދެރަވެގެން އުޅުނު އެމީހުން ދެކެލަން ނުދެވޭތީ... ކަންތައް ވީގޮތުން، ނިކް އެހުންނަނީ، އެމީހުންގެ ކައިރިއަށް ދާން ނުކެރިފަ..." ޖޭސްމީން ބުންޏެވެ. "ނިކް ދުވަހަކުވެސް، އާއިލާގެ އެއްވެސް ކަމެއް އެނޫނީ އަހަންނަށް ކިޔައެއްނުދޭ..."

އަހަރެން ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. ޖޭސްމީން ބުނި ފަދައިން ނަހީކު އޭނާގެ އާއިލާގެ އެއްވެސް ކަމެއް އަހަންނާއި ވެސް ޚިއްސާކޮށްފައެއް ނުވެއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮންނާނެކަމަށް އަހަންނަށް ގަބޫލުކުރެވުނީ އެހިސާބުންނެވެ.

އަހަރެން ގޭތެރެއަށް ވަންއިރު، ނަހީކު އޮތީ، ސޯފާގައެވެ. ޖެހިގެންހުރި ސޯފާގައި އިށީނދެލައިގެން އާހިލް އިނެވެ. އަހަރެން ފެނުމުން، ނަހީކު ބަލައިލިގޮތުން، ޖޭސްމީނާއި ބައްދަލުކުރިކަން ނަހީކަށް އެނގިއްޖެކަން އެނގުނެވެ. އަހަރެން ހީކުރީ، އެކަމާއި ގުޅުވައިގެން ނަހީކު އެއްޗެއް ބުނާނެ ކަމަށެވެ. އެއާއި ޚިލާފަށް ނަހީކު ދެއްކީ، ހަފްތާއެއް ފަހުން، އެހެން ތަނަކަށް ބަދަލުވާ ވާހަކައެވެ. ނަހީކުގެ ހަސްފަތާލުން ދޫކޮށްލުމުން، އަހަރެން އުޅެމުން ދިޔައީ، ޓްރޭނިންގްއަށް އައި ފުލުހުން ނިދަމުންދިޔަ ކޮޓަރިއެއްގައި ޕާޓްޝަން ޖަހައިގެންނެވެ. ކުއްލިގޮތަކަށް ހުރިހާ ކަމެއް ވުމުން، ތަނެއް ހަމަޖައްސަން އުނދަގޫވީއެވެ. ނަހީކަށް މަތިން ދަތުރު ކުރެވޭނީ، އަށްމަސް ފަހުން ކަމަށް ޑަކުޓަރު ބުނެފައިވާތީ، ހަސްފަތާލާއި ވީހާވެސް ކައިރިން، އަހަރެމެންނަށް ދިރިއުޅެވޭނޭހެން، ކުޑަގެއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ނަހީކު ބުންޏެވެ.

ހަފްތާއެއް ފާއިތުވެދިޔައީ، އަހަރެން ހީވެސް ނުކުރާހައި އަވަހަށެވެ. ނަހީކުގެ ކަންކަމުގައި އާހިލް ފަރުވާތެރިވާ މިންވަރު ފެނި، އަހަރެންގެ ހިތް، އާހިލްއަށް ސާފުވާން ފެށިއެވެ. މާގިނައިން ވާހަކަ ނުދެއްކި ކަމުގައި ވިޔަސް، މަދުމަދުން ވާހަކަ ދައްކާ ހަދަން ފެށީމެވެ. ބައެއް ކަންކަމުގައި އެހީތެރިކަމަށް އެދެމެވެ.

އާހިލް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. ރޯނުގައި ހިއްކަން އަޅާފައިވާ އެއްޗެހިތައް ނަގަން ހުއްޓައި އާހިލް އައެވެ. އަހަންނާއިއެކު އޭނާވެސް އެކަމުގައި ބައިވެރި ވިއެވެ. އެކި ވާހަކައިގެ ތެރެއިން ޝައިބާގެ ވާހަކަ ފެށުނެވެ. ޝައިބާ މަރުވި ރޭ، ނުދަންނަ ނަންބަރަކުން ނަހީކަށް ގުޅިކަމާއި، ގުޅީ، ޝައިބާކަން ނަހީކަށް އެނގުނީ ވަގުތު ފާއިތުވި ފަހުން ކަމުގައި އާހިލް ބުންޏެވެ. އަހަންނަކީ ޝައިބާގެ އެކުވެރިއެއްކަން އެނގުނު ހިސާބުން، ނަހީކު ވަރަށް ބަދަލުވި ކަމާއި، އަހަރެން ފެންނަނަމަ، ޝައިބާގެ މަރުގެ ޒިންމާ އަމިއްލަ ބޮލުގައި އެޅޭކަމުގެ އިހުސާސް ކުރެވޭ ކަމަށްވެސް ނަހީކު ބުނެފައިވާކަން އާހިލް ހާމަކުރިއެވެ.

އަހަންނަށް ވިސްނުނީ ދެނެވެ. ނަހީކަށް އައި ބަދަލާއި، ޝައިބާގެ ވާހަކަ އާހިލް ދެއްކި ދުވަހު ކަންތައް ވީގޮތް ހަނދާނަށް އައެވެ.

"އަހަންނަށް އަމިއްލަ އެދުން އިސްކުރެވުނީ... ހަގީގީ އެކުވެރިކަމުގެ މައްޗަށް އެހެން އިހުސާސްތަކެއް ކުރިހޯދީ... ނިކްއަކީ، ރަނގަޅު އެކުވެރިއެއް... އަހަންނަށް އެހެންވީ، ނުވިސްނޭތީ..." އާހިލް އިސްޖަހައިލިއެވެ. "ނިކްއަށް ދެރަގޮތެއްވީނަމަ، ދުވަހަކު އަމިއްލަ ނަފުސަށް މާފުކުރެވޭނެ ކަމެއްވެސް ނޭނގެ..."

"ކޮންކަމަކާ މާފުކުރަން އުޅޭ ދުވަހެއް؟..." ނަހީކުގެ އަޑު އިވުނީ އަހަރެމެންގެ ފަހަތުންނެވެ.

އަހަންނާއި އެއްވަރަށް އާހިލްވެސް ސިހުނެވެ.

"ނިކް..." އަހަރެން ހާސްވިއެވެ. "ކޮންއިރަކު އައީ؟..."

އާހިލް އަހަންނާއިމެދު ކަންތައްކުރިގޮތުގެ ވާހަކަ ދައްކަން މިއަދު އަހަރެން ބޭނުމެއް ނޫނެވެ. ބައެއް ކަންކަމަކީ، މަސްލަހަތަށްޓަކައި ސިއްރުކުރުން ރަނގަޅު ކަންކަމެވެ. އާހިލް ބަދަލުވެއްޖެއެވެ. ކުރެވުނު ކަންތަކާއި މިއަދު އޭނާ ހިތާމަ ކުރެއެވެ. އޭރު ކުރިކަންތައް ދެން ތަކުރާރު ނުކުރާނެކަމުގެ ޔަގީންކަން އަހަންނަށް އެބަ އޮތެވެ. ކުށް ކުރެވޭނީވެސް އިންސާނުންނަށެވެ. ހުދު އަހަންނަށްވެސް ވަނީ އެތައް ކުށެއް ކުރެވިފައެވެ. ވީއިރު، އާހިލްގެ ގޯސް ވާހަކައެއް ދައްކައިގެން، މަސްލަހަތު ގޯސްކުރުމުގެ މާނައެއް ނެތެވެ. ދީނުގައިވެސް އޮންނަނީ އަނެކާގެ އައިބުތައް ސިއްރު ކުރުމެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
ކިޔުންތެރިންގެ ޝުއޫރު
58%
18%
11%
13%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު