ވާހަކަ
ކުރަމޭ ބަޔާން... 25

އާހިލް އަހަންނާއިމެދު ކަންތައްކުރިގޮތުގެ ވާހަކަ ދައްކަން މިއަދު އަހަރެން ބޭނުމެއް ނޫނެވެ. ބައެއް ކަންކަމަކީ، މަސްލަހަތަށްޓަކައި ސިއްރުކުރުން ރަނގަޅު ކަންކަމެވެ. އާހިލް ބަދަލުވެއްޖެއެވެ. ކުރެވުނު ކަންތަކާއި މިއަދު އޭނާ ހިތާމަ ކުރެއެވެ. އޭރު ކުރިކަންތައް ދެން ތަކުރާރު ނުކުރާނެކަމުގެ ޔަގީންކަން އަހަންނަށް އެބަ އޮތެވެ. ކުށް ކުރެވޭނީވެސް އިންސާނުންނަށެވެ. ހުދު އަހަންނަށްވެސް ވަނީ އެތައް ކުށެއް ކުރެވިފައެވެ. ވީއިރު، އާހިލްގެ ގޯސް ވާހަކައެއް ދައްކައިގެން، މަސްލަހަތު ގޯސްކުރުމުގެ މާނައެއް ނެތެވެ. ދީނުގައިވެސް އޮންނަނީ އަނެކާގެ އައިބުތައް ސިއްރު ކުރުމެވެ.

********

"ނިކް އައިސްބަލަ..." އާހިލް އަވަހަށް ގޮސް ނަހީކުގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. "ރިވާ އެ އުޅެނީ ނިކް ކައިރީ ލޯބިވާ ވާހަކަ ބުނަން ނުކެރިގެން... އެހެންވެ، އަހަރެން މިއުޅެނީ، މި މަސައްކަތްކޮށްދީ ނިންމާފަ، އަވަހަށް މިތަނުން ދާން... އޭރުންތާ، މިތާ ތިބެގެންވެސް، ތި ދެމީހުންނަށް މާފޮޅުވޭނީ..."

އަހަރެން އާހިލްއަށް ބަލައިލާފައި، ލޯ އަޅައިލީމެވެ.

"ހާދަ ހޫނޭ... އަހަރެން އަންދާލަފާނެ..." އަހަރެން ދެލޯ އަޅާލައިގެން ހުރުމުން، އާހިލް ވާހަކަދެއްކީ، ސަމާސާ ރާގަކަށެވެ. "ރިވާ ތިހާވަރު ނުކުރިޔަސް، އަހަރެން މިތަނުން ހިނގައިދާނަމޭ..."

އަތުގައި އޮތް ގަމީސް އާހިލް އާއި ދިމާއަށް ހޫރާލާކަމަށް ހެދުނީމެވެ. އާހިލް ހެމުން، ދުވެފައި އެތަނުން ދިޔައެވެ. ގަމީސް ހިއްކަން އަޅާފައި، އަހަރެން އެނބުރުނުއިރު، ނަހީކު ހުރީ އަހަންނާއި ދާދި ގާތުގައެވެ. ހިނިއައިސްފައި ހުރިގޮތުން، ނަހީކުގެ ނިޔަތް އަހަންނަށް އެނގިއްޖެއެވެ. އަވަހަށް ވަށައިގެން ހޯދައިލެވުނީ، އެއިން ހިސާބެއްގައި މީހަކު ހުރެދާނެތީ، ޖެހިލުންވީ ވަރުންނެވެ.

"ދެން ބުނެބަލަ..." އެއްލޯ މަރައިލަމުން ނަހީކު ބުންޏެވެ.

"ކީކޭ ބުނަންވީ؟..." ނަހީކު ބުނީ ކީކޭކަން އެނގުނު ނަމަވެސް، އަހަރެން ރަކިވިއެވެ.

"ލަވް ތި ބުނަންއުޅޭ އެއްޗެއް..." ނަހީކު ކުރިއަށްވުރެ ބޮޑަށް އަހަންނާއި، ކައިރިއަށް ޖެހިލަމުން ބުންޏެވެ.

"އެއްޗެކޭ ބުނާކަށް..." އަހަންނަށް ބުނެވުނީ އެހިސާބަށެވެ. ނަހީކު އަހަރެންގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ.

"މިއަދު ކެތްކޮށްލާނަން... އެކަމަކު، މާދަމާ..." އިންޒާރެއްދޭފަދަ ރާގަކަށް ނަހީކު ބުންޏެވެ. "ލަވްއަކަށް ސަލާމަތެއް ނުވެވޭނެ އިނގޭ... ނޯ އެކްސްކިއުޒް... ބީ ރެޑީ..."

ރޭގަނޑުގެ ވަގުތެވެ. އަހަރެން އެދުނު ފަދައިން، އަހަރެމެން ދިރިއުޅުމަށް ހޯދުނު ގެ ތައްޔާރުކުރުމުގެ މަސައްކަތުގައި އާހިލް އާއިއެކު، ޓްރޭނިންގްއަށް އައި ދެ ފުލުހުންވެސް ބައިވެރިވިއެވެ. ޖެހިގެން އޮތް ދުވަހަކީ، ނަހީކުގެ އުފަންދުވަސްކަމުން، އަހަރެން ބޭނުންވީ އެ ދުވަސް، ވަރަށް އުފާވެރިކޮށް ފާހަގަކުރާށެވެ. ބޮޑަށް ބޭނުންވީ، ވަކި މުނާސަބަތަކާއި ގުޅުވައިގެން ވިޔަސް، އެންމެން އެއްތަންވެލައި، އެކުވެރިކަން ބަދަހިކޮށްލާށެވެ. ނަހީކު އޭނާގެ އުފަންދުވަސް ހަނދާންނެތްކަން އެނގުމުން، އަހަންނަށް ހަމަޖެހުމެއް ލިބުނެވެ. ނަހީކު ހީކުރީ، އާހިލްމެން އަހަރެމެންގެ އެއްޗެހިތައް ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ ކަމަށެވެ. އެމީހުން އައުން ލަސްވެގެން އެތައް ފަހަރަކު ގެއަށް ދާން ނަހީކު އަހަރެންގެ ކައިރީގައި އެދުނެވެ. އެތައް އެއްޗެއް ކިޔައިގެން ކޮންމެފަހަރަކުވެސް އަހަރެން ހަމަޖައްސައިލަނީއެވެ.

ކޮންމެ ތަނެއް ތައްޔާރުކޮށް ނިންމާލާފައި އާހިލް އަހަންނަށް ތަސްވީރުތައް ފޮނުވަމުން ދިޔައެވެ. ހުރިހާ ކަމެއް ކުރީ، ނަހީކަށް ކުޑަވެސް ޝައްކެއް ނުވާނޭ ގޮތަށެވެ. އާހިލްމެންގެ މަސައްކަތް ނިމުނީ، އެރޭގެ އެގާރަވެސް ޖެހިފަހުންނެވެ. އޭރު އަހަންނާއިއެކު، ނަހީކު އިނީ ކާރުގައެވެ.

"އެއްޗެހިތައް ލާން ދިޔަގޮތަށް، އެމީހުން އެގޭގަ ތާށިވީތަ؟..." އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން ނަހީކު ވާހަކަ ދެއްކިއެވެ. "މިތަނުން ބިޓެއް ހޯދީކީ ނޫންބާ؟... އެކަކުވެސް އައީކީ ނޫނޭ... ރަނގަޅަށްވިއްޔާ މިހާރު އެމީހުން ގޭގަ ނުވެސް ތިބޭނެ..."

ގޭގެ ކުރިމައްޗަށް ކާރު ހުއްޓައިލުމާއިއެކު، އަހަންނަށް ހުރެވުނީ ބަލަހައްޓައިގެން، ކުޑަކުޑަ ރީތި ގެއެކެވެ. ވަށައިގެންވީ ފެހިކަންގަދަ ގަސްތަކެވެ. ބަގީޗާގައި ދިއްލާފައިވާ ބޮކިތަކުން، ގަސްތަކުގެ ރީތިކަމަށް ދިރުން ގެނެސްދީފައި ވިއެވެ. ނަހީކުގެ އަތުގައި ހިފާލައިގެން ހުރެ، އެތެރެއަށް ވަނުމަށް ހިނގައިގަތީމެވެ. ގޭގެ ދޮރު ހުޅުވައިލީއިރު، މުޅިތަން އަނދިރިކޮށް އޮތްނަމަވެސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ތަން ދިއްލިގެން ދިޔައެވެ. ނަހީކެކޭ އެއްވަރަށް އަހަރެންވެސް ހައިރާން ވިއެވެ. އެހާ ފުރިހަމައަށް ގޭތެރެ ޒީނަތްތެރިކޮށްލާފައި އޮވެދާނެ ކަމަށް އަހަރެން ހީވެސް ނުކުރަމެވެ.

ސިޓިންގްރޫމުގައި އާހިލްގެ އިތުރުން، ޓްރޭނިންގްއަށް އައި ދެ ފުލުހުންނާއި، ޖޭސްމީން ހުއްޓެވެ. އެންމެން އެއްފަހަރާ، ނަހީކަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. ނަހީކު އުފަލުން އަހަންނަށް ބަލައިލާފައި، އަތަށް ފިތައިލިއެވެ. ފެންކަޅިވެފައިވާ ހާލު، އަހަންނަށް ބަނޑުގައި އަތް ޖައްސައިލެވުނީ، އެ ދަރިފުޅުވެސް ބައްޕަގެ އުފަލުގައި ބައިވެރިވެލިކަމުގެ އިހުސާސް ކުރެވުމުންނެވެ.

ނަހީކަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހު، އަހަރެން މާ އަވަހަށް ހިތުގައި ޖެހެއެވެ. ކަރުނަ ހިފަހައްޓަން އުޅުނަސް، އެކަން ކުރަން އުނދަގޫވެއެވެ. ނަހީކު ގެއްލިދާނެކަމުގެ ބިރު އަދިވެސް ހިތުގައި ވިއެވެ. ލިބުނު ސިހުން ފިލައިގެން ނުދެއެވެ. އަހަރެން ހީކުރީ، ދެން ދުވަހަކުވެސް ނަހީކާއި ބައްދަލުނުވާނެ ކަމަށެވެ. ގަދަވެ ސަލާމަތުން އެނބުރި އަހަރެންގެ ހަޔާތަށް އަތުވެދާނެކަމަށް ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. 

"ކިހިނެއްވީ؟... ބަނޑަށް ތަދުވަނީތަ؟..." ކަންބޮޑުވެފައިވާ ރާގަކަށް ނަހީކު އަހައިލިއެވެ.

އަހަންނަށް ހަމަހޭވެރިކަންވުމާއިއެކު އަވަހަށް ދެފަރާތަށް ބޯ ހޫރައިލީމެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކިތައް ފޮހެލީމެވެ. އަހަންނަށް ބަލައިލެވުނީ، އާހިލްއަށެވެ. އާހިލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ލަވް ޔޫ..." ހަމައެކަނި އަހަންނަށް އިވޭ ވަރަށް ނަހީކު ބުންޏެވެ.

ދަރިފުޅުގެ ވާހަކަ ނަހީކުގެ ކައިރީގައި ބުނާހިތުން އަހަރެންގެ ހިތް ބޭގަރާރުވެފައި ވިއެވެ. އެކަމަކު، އަހަރެން އިންތިޒާރުކުރަމުން ދިޔައީ ރަނގަޅު ވަގުތަކަށެވެ. އެ ޚަބަރު ވަރަށް ޚާއްސަގޮތަކަށް ދޭން ބޭނުންވާތީއެވެ.

ކޭކުފެޅުމުގެ ކަންކަން ނިންމާލިގޮތަށް، ނުވެސް ކައި، ޖޭސްމީން އުޅުނީ ދާށެވެ. މަޑުކުރަން އަހަރެން ދެތިން ފަހަރަކު އެދުމުންވެސް، ޖޭސްމީން ދެކޮޅުހެދިއެވެ. އޭނާގެ ހާލަތު އަހަންނަށް ވިސްނެއެވެ. ލޯބިވާ މީހާ ނުލިބޭނެކަން އެނގިހުރެ، އެމީހާގެ ކުރިމަތީގައި އުޅޭކަށް އެއްވެސް އިންސާނަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. ޖޭސްމީންގެ ދެލޮލުން ފެންނަމުންދިޔަ ރިހުން، އަހަރެންގެ ހިތުގައި ދިލަ ރިހުމެއް އުފަންކުރުވިއެވެ. އަހަންނަށް ޖޭސްމީންގެ ހާލަތު ވިސްނުނެވެ. އޭނާ ހިފަހައްޓަން އަހަރެން ބޭނުންނުވީ އެހެންވެއެވެ. ބައެއް ކާއެއްޗެހި ބަންދުކޮށްފައި، ދިޔުމުގެ ކުރިން ޖޭސްމީންއަށް ދިނީމެވެ. ޖޭސްމީންއެކޭ އެއްގޮތަށް ދެންތިބި މީހުންވެސް ބޭނުންވީ، ދާށެވެ.

ޖޭސްމީނާއިއެކު ނަހީކު ބޭރަށް ނުކުތުމުން، އަހަރެން ޖެހިލީ ސިންކު ކައިރިއަށެވެ. އަހަރެން ހީކުރީ، ފުލުހުންނާއިއެކު އާހިލްވެސް ދިޔައީ ކަމަށެވެ. ތަށިތައް ދޮންނަން ހުއްޓައި، އާހިލް އައިސް އަހަރެންގެ މަސައްކަތުގައި ބައިވެރިވާން ފެށިއެވެ.

"ނުދަންތަ؟..." އަހަރެން ހައިރާންވިއެވެ. "އަހަރެން ހީކުރީ އެމީހުންނާއެކީ ދިޔައީކަމަށް..."

"ކިހިނެއް ދާނީ؟..." އާހިލް ބޯ ހޫރައިލިއެވެ. "ސްލީޕިންގް ބިއުޓީއަށް މިހާރު ނިދިވެސް ކިހާ މުހިއްމު ވާނެ... މިހުރިހާ ތަނެއް ހަޑިކޮށްފަ، ތިކުއްޖާއަށް ޖައްސާފަ، އަހަރެން ދާންވީތަ؟..."

"މާދަން ފުރަންޖެހެއެއްނު..." އަހަރެން ބުނީމެވެ.

"ފުރަންޖެހޭތީއެއްނު މަސައްކަތްކޮށްދޭންވީ..." އާހިލް މަޖާ ރާގަކަށް ބުންޏެވެ. "އޭރުންތާ އަހަރެންމަތިން މިސްވާނީ..."

އަހަންނަށް ހެވުނެވެ. އާހިލްގެ ސަމާސާކުރުންތަކުން މިއަދު އަހަރެންގެ ކައިރިއަކަށް ރުޅިއެއް ނާދެއެވެ. ބައެއް ކަންކަމަކީ، ހާލަތާއި ވަގުތާއި އެއްވަރަށް ބަދަލުކުރަންޖެހޭނެ ކަންކަމެވެ. ގޯސް ނިޔަތެއް ނެތްކަން ކަށަވަރުވާ ނަމައެވެ.

"އަދިވެސް ނިކް ކައިރީ ނުބުނަންތަ؟..." އަހަރެންގެ ބަނޑަށް އިޝާރާތްކޮށްލަމުން، އާހިލް އަހައިލިއެވެ.

"ތިކަހަލަ ވާހަކަ ނުބުނެ އެހާ ލަސްކުރާކަށް ނުވާނެ..." އަހަރެން ބޯޖަހައިލުމުން، އާހިލް ބުންޏެވެ. "ރިވާއަށް ޔަގީންތަ، ތިހާލުގަ އެކަނި ހުރެގެން ނިކް ބެލޭނެކަން... ނިކް އަދި އެހާ ފިޓެއް ނުވާނެ... ގޭގެ މަސައްކަތްތައްކޮށްލަން މީހަކު ހޯދަދެންތަ؟..."

"ނޫނޭ... ކޮންމެ ހާލެއްގަވެސް އަހަންނަށް އަހަރެންގެ ފިރިމީހާ ބެލޭނެ..." އަހަރެން ބުނީމެވެ.

އާހިލްގެ އެހީތެރިކަމާއިއެކު، މޭޒުމަތި ސާފުކޮށްލެވުނީ ދާދި އަވަހަށެވެ. ދޮވުނު ތަށިތައް ފުހެން ތިއްބައި ނަހީކު އައެވެ.

"އަހަންނަށް މިއުޅެވެނީ ހުވަފެނެއްގަތަ؟..." އާހިލް އާއި ދިމާކޮށްލުމުގެގޮތުން ނަހީކު ބުންޏެވެ. "ކޮންއިރަކުތަ ތިހާ މުރާލި މީހަކަށްވީ؟.... މިހާރު އެބަހީވޭ ކުލަޖެހޭހެން އިނގޭ... ބުނޭ އަވަހަށް ކޮންތާކުން އަންހެންކުއްޖަކު ޖަހައިގަނެގެން ތިއުޅެނީ؟... އަހަންނަށް ޔަގީނޭ އާހިލް ތިއުޅެނީ މީހަކާ އިންނަންކަން..."

އާހިލް ހީގަތެވެ. އެކަމަކު، ނަހީކުގެ ވާހަކަ އާއި ގުޅުވައިގެން އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ގޭތެރެ ހަމައަކަށް އަޅުވާފައި، އާހިލް ދިޔުމުން، އަހަންނާއި ނަހީކު އެކަނިވިއެވެ. ނަހީކުގެ ކުދިކުދި ގޯނާތަކުން އަހަރެން ހުރީ، ކުޑަކޮށް ލަދުގަންނަގޮތް ވެފައެވެ. އެތައް ދުވަހެއްފަހުން، ދެމީހުންނަށް މިނިވަންކަން ލިބުނީއެވެ. ނަހީކުގެ ހިތުގެ ޖަޒުބާތުތައް ހުންނާނޭގޮތް އަހަންނަށް އެނގެއެވެ. އަހަރެންގެ ހާލަކީވެސް އެއީއެވެ. އެކަމަކު، އަހަރެން ހުރީ ވަރުބަލިވެފައެވެ. ދުވާލުގެ ގިނަ ވަގުތު އެއްވެސް އަރާމެއްނެތި އުޅުމުން، ތަނެއްގައި އޮށޯވެލަން ބޭނުންވިއެވެ.

"ކޮބާ އަހަރެންގެ އުފަންދުވަހުގެ ހަދިޔާ؟..." ކޮޓަރިއަށް ވަދެފައި ނަހީކު އަހައިލިއެވެ.

"ނިކް އެންމެ ބޭނުންވަނީ ކޮން ހަދިޔާއެއް؟..." އަހަރެން ވާހަކަ ފެށީ ދުރުދުރުންނެވެ.

"އަހަރެން އެންމެ ބޭނުންވާ ހަދިޔާ މިހުރީ އަހަރެންގެ ކުރިމަތީ..." އަހަންނާއި ގާތަށް ޖެހިލަމުން ނަހީކު ބުންޏެވެ. "ދެން އޭގެ އިތުރަށް ބޭނުންވާ ހަދިޔާވެސް މިރޭ ލިބޭނެއެއްނު... ކުރިންވެސް އަހަރެން ބުނީމެއްނު، މިއަދު ނޯ އެކްސްކިއުޒް އޭ... ހަނދާންވެއްޖެތަ؟..."

ނަހީކު ދެން ކޮށްލި ކަމަކުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މާ ލޯބިވެއްޖެނަމަ، ގަދަކަމުންވެސް ނަހީކު އަހަރެން ހެއްވައިލާނެއެވެ. ހެމުން ގޮސް، ވަރުބަލިވެގެން ހުއްޓައިލުމަށް އެދުނީމެވެ. އޭރު އަހަރެންގެ ދެލޮލުން ފެން އައިސްފިއެވެ. ނަހީކު، އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި މަޑުމަޑުން ދެކޮނޑުގައި ހިފައި، އެނދުގައި ބާއްވައިލިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
3 އަހަރު ކުރިން
1
ކިޔުންތެރިންގެ ޝުއޫރު
57%
26%
17%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު