ކުށެއް ނުކުރަން، މިއީ އަނިޔާ: ރައީސް ޔާމީން
ކުށެއް ނުކުރައްވާ ކަމަށާއި އެމަނިކުފާނަށް މިހާރު ދެމުން އެދަނީ "ހަގީގީ އަނިޔާ" ކަމަށާއި ބޭއިންސާފުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޔައްޔޫމް ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، އެ މަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ވިދާޅުވީ، އެ އަދަބު ދީފައި ވަނީ އެ ބޭފުޅުންގެ ހިތްވަރު ބަލިކޮށްލެވޭނެ ކަމަށް ހީކޮށް ކަމަށެވެ.

"އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގަ އެވެ. އެހެން ނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށް ވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތެވެ. އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަމެވެ. ދިވެހިންގެ އިސްތިގުލާލެވެ،" ޒެއިން ވިދާޅުވެދެއްވި، އޭނާގެ ބައްޕާފުޅުގެ މެސެޖުގައި ވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ވެރިކަމާ ހަވާލުުވެވަޑައިގަތުމަށްފަހު ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައިދިން ކަމަށެވެ. އަދި އެތަށް ކަމަކަށް ހައްލު ހޯއްދަވައިދެއްވި ކަމަށެވެ. އެގޮތުން ގައުމީ މަސްލަހަތާ ގުޅުންހުރި މައްސަލަތައް ހައްލުކޮށް، ފުރިހަމަ ސިޔާދަތާއި މިނިވަންކަން ލިބިފައިވާ ފަހުރުވެރި ގައުމަކަށް ރާއްޖެ ހަދައިދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަންކަމުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތައް ގުޅިގެން އަޅުގަނޑު ޖަލަށްލުމެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމަަކަށް ބަވަނަވެފައިވާ މި ދުނިޔޭގައި ހަމައިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެންކަން އެންމެ ފުރަތަމަ ދުވަހުވެސް ގަބޫލު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ އެ ދަތުރަކީ ފަސޭހަ ދަތުރަކަށްނުވާނެ ކަން ހިތާއި ނަފުސުން ގަބޫލުކުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެންނެވެ. ބޮޑެތި ބާރުތަކާއި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަލްސަފާއާ ދެކޮޅުވެވަޑައިގެންނެވެ. ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީއެވެ. މިއީ ގައުމީ ފިކުރެވެ. މި ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ދުވަހަކު މި ޤައުމަށް ވާނެ ގޮތެއްވާން ދޫކޮށްނުލާނެކަން އަޅުގަނޑަށް ޔަގީނެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނާ ވާދެވެރި ފަރާތްތަކުން ބިރު ގަންނަނީވެސް އެހެން ވެއެވެ. ކިތަންމެ އަނިޔާއެއް ކުރި ނަމެވެސްއަމިއްލަ އުފަލާއި ހިތްހަމަޖެހުމަށްވުރެ އިސްކުރަނީ ދިވެހި ރައްޔިތުންގެ މަސްލަަހަތު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން، ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ފަރާތްތަކާ ވާގިވެރިވާ ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅުގަނޑު ޖަލަށް ލުން، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ކުޑަ ޖަޒީރާ ޤައުމަކަށް ހަމަ އިސްކޮށް ތެދުވެވޭނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށް އަޅުގަނޑު ފުރަތަމަ ދުވަހުން ފެށިގެން ދަންނަވަމުން ދިޔައިން،" ރައީސް ޔާމީންގެ މެސެޖްގައިވެއެވެ.

ޔާމީން ވިދާޅުވީ، ދިވެހިން އެދޭ "ރަންޒަމާން" ހޯދުމުގައި މިހާރު ޖެހިފައި ވަނީ "ކުޑަކުޑަ މަޑުޖެހުމެއް" ކަމަށާއި އެ އުފާވެރިކަން އަލުން ގެނެސްދޭނީ ޕީޕީއެމް/ޕީއެންސީގެ ފިކުރު ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް ހިތްވަރު ކުރައްވައި ގަދައަޅައި މަސައްކަތް ކުރައްވާށެވެ. އަޅުގަނޑުމެން އެނބުރި އަންނާނީ ބަދަހިކޮށެވެ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސިޓީ ނިންމަވައިލެއްވީ، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު ހުރިހާ ރައްޔިތުންނަށް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޒްރަތަށް ދުއާ ދަންނަވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު