އަލީ ރާޒީ
09 ފެބުރުއަރީ 2026 - 11:19
0 comments
މަލިކަކީ އަސްލު އިންޑިއާގެ ތަނެއް ކަމަށް ދައްކަން ކުރެވޭ މަސައްކަތަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އެއީ ތާރީހީ ގޮތުން ދިވެހީންގެ ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރާތީ އިންޑިއާގެ ބައެއް މީޑީއާތަކުން ބުނެފައި ވަނީ އެހެން އެކަން އޮތް ނަމަ ރާއްޖޭގެ އުތުރުގައި އޮންނަ މަލިކަކީ ވެސް ރާއްޖެ ތަނެއް ކަމަށް ދިވެހިން ބުނަންވީ ކަމަށެވެ. އެގޮތަށް ވާހަކަ ދައްކާ އިންޑިއާގެ މީޑިއާތަކުން އެއީ ދުވަހަކު ވެސް ރާއްޖޭގެ ތަނެއް ކަމަށް ދޭހަވާ ފަދަ އެއްޗެެއް ވެސް ނުބުނެ އެވެ.
ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާގައި، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، "މަލިކަކީ ދިވެހިންގެ ތަނެއް" ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަލިކަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރަން އެ ދުވަސްވަރު ކުރި މަސައްކަތުގެ އަގެއްގެ ގޮތުގައި އިންޑިއާ އަށް އޭރު ދޫކުރި ތަނެކެވެ.
އެހެންވެ، މަލިކަކީ އުފެދުމުގައި ވެސް އިންޑިއާގެ ތަނެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްވުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާއަށް މަލިކު ދޫކޮށްލުމަކީ އޭރު އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުވަ ވަނަ ހަސަން ރަސްގެފާނަށް ފެނިވަޑައިގެން އެކަން އެ ގޮތަށް ކުރެއްވީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އިންޑިއާގެ މީހުންނަށް ވެސް އެނގެން ވާނެ އެއީ އެ މީހުންގެ ނޭޓިވް ތަނެއް ނޫނޭ. އެއީ ހަމަ ދިވެހިންގެ ތަނެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. މަލިކު ގެއްލުނީ ޕޯޗްގީޒުންގެ ސަބަބުން ކަމަށާއި، އެކަމުގައި ކުރެވޭނެ ކަމެއް އޮތްތޯ ބަލައި، ލިބުނު ގެއްލުމުގެ ބަދަލު ހޯދިދާނެ ގޮތްތަކެއް އޮތްތޯ ބެލިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ، މިފަދަ މައްސަލަތައް ބަލާނެ ކޯޓުތަކާއި އެކަންކަން ސާބިތުކުރެވޭނެ ލިޔުންތައް އެބަހުރި ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުން ވެސް އެމީހުންގެ ތާރީހަށް ރުޖޫއަވެ، ކަންކަން ހިނގާފައިވާ ގޮތް ބަލަން ޖެހޭ ކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.