ޚަބަރު
ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ފެންނަނުފެންނަ ވޯޓަކުން: ރައީސް ނަޝީދު
ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާ އަކީ އަދި ކޮންމެ މަސައްކަތެއް ގުޅޭނީ ފެންނަ ނުފެންނަ ވޯޓާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އިއްޔެ ރައީސް ސޯލިހަށް މެސެޖް ކުރައްވާފަ އެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖެެއްގައި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" މަބުރޫކް ވިދާޅުވިއެވެ. 

އެއާއެކު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާ އަކީ އަދި ކޮންމެ މަސައްކަތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ކަމަށެވެ.

"ރާއްޖޭގައި ވެރިކަމުގެ ނިޒާމަށް ބަދަލުގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެއްވެސް ނެތް ކަމަށް. ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން،" ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ރައީސް ދެކެވަޑައިގަންނަވާ ގޮތް މީޑިއާގައި ރިޕޯޓްކުރުމާ އެކު ނަޝީދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ސިއްރު ވޯޓެއް ނެގީ އޮގަސްޓް، 18، 2007 ގަ އެވެ. އެ ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު