ޚަބަރު
ހެކި ނެތް ކަމަށް ބުނެ ފަޒީލްގެ މައްސަލަ ފައިލް ކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ތުހުމަތުވި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަ ދޫކޮށްލައި ފައިލް ކޮށްފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަޒީލްގެ މައްސަލައިގެ ތަހުގީގުގައި އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ. މައްސަލަ ފައިލް ކުރި ވަކި ދުވަހެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ފަޒީލްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާކާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ.

"މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ވަނީ ފައިލްކޮށްފައި،" ފުލުހުން ބުންޏެވެ.

ފަޒީލްއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައެއް ހިމެނެ އެވެ. އޭގެ އިތުރުން، އަންހެން ކުދިންނަށް އޮޅިގެން ކަމަށް ބުނެ ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުންވެސް ހިމެނެ އެވެ.

ފަޒީލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ބައެއް މީހުން އެ މީހުންގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އެކަމުގެ ޖިނާއީ ތަހުގީގެއް ފެށި އެވެ. އަދި އޭނާ މަގާމުން ސަސްޕެންޑުވެސް ކުރި އެވެ.

ނަމަވެސް، ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

ފަޒީލްގެ މައްސަލަ ފައިލް ކުރި ނަމަވެސް އޭނާގެ ސަސްޕެންޝަން އަދި އުވާލި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެ މައްސަލައާއި ގުޅިގެން ފަޒީލް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލައިދޭން އޭނާ ފުލުހުންގެ އިދާރާގައި އެދި ވަޑައިގެންނެވި ކަމަށެވެ. އޭނާގެ އުމުރުން 17 އަހަރުގައި ކުރި ކަމަށް ބުނާ ކުށުގެ އެ ތުހުމަތަށް އިންކާރު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އޭރު އަޅުގަނޑަކީ ސޔާސީ ކަމެއްގައި އުޅުނު މީހެއް ނޫން. އަޅުގަނޑުގެ ކިބައިން އުނދަގުލެއް ނުތަނަވަސް ކަމެއް ލިބިފައިވާ ފަރާތެއް ހުރިނަމަ އެ ފަރާތެއްގެ ކިބައިން ނުހަނު މައާފަށް އެދެން. އަދި އެފަދަ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަހެޅުން އެދެން" ފަޒީލް ވިދާޅުވެފައިވެ އެވެ.

ފަޒީލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީ، އެމްއާރްއެމްގެ މެންބަރެކެވެ. އެހެން ކަމުން ފަޒީލްގެ މައްޗަށް އައި ތުހުމަތުތައް ތަހުގީގު ކޮށްދިނުމަށް އެމްއާރްއެމުން ވެސް ފުލުސް އިދާރާގައި އެދުނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު