ޚަބަރު
މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދެނީ
އެމްއީއެސް ސްކޫލު ހިންގި އިމާރާތް
އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ)ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވެއްޖެ އެވެ.

މަންދު ކޮލެޖް ހިންގާ، މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް، އެމްއީއެސް ސްކޫލް ކުރިން ހިންގި އިމާރާތް ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު ތެރޭ އެ އެއްބަސްވުން ބާތިލްކޮށް އިމާރާތް އޮތީ އަތުލައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ އިމާރާތް އަތުލީ އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ބޭނުމުގައި ކަމަށް ބުނެ އެވެ.

އެ މައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ. 

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މިއަދު މިމައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އައީ ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި ބައްދަލުކުރެއްވުމަށްފަހު އެވެ.

މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.

މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ އިބްރާހިމް އިސްމާއިލްގެ ކޮއްކޮ އެވެ. މީގެކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް ބަދަލު މި ސަރުކާރުގައި ނަގައިދީފައިވެ އެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޮޑެތި އަދަދުތަކުން ބަދަލު ދެމުންދާތީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވަމުންދެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު