ޚަބަރު
އެމްއެމްޕީއާރްސީ މައްސަލަ ބަލާނަން، ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލޭނެ ކަމަށާއި އެ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނެނީ "ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް" އެމައްސަލަ ބަލާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭނެކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.

"270 މީހުންނަށް ދައުވާ ކުރުމަށް މިހާރު ވެސް ވަނީ ފާހަގަވެފައި. އެދައުވާތައް ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަތްތެރި ބައެއް މެންބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތް ވެސް ވެދާނެ. އެހެންނަމަވެސް މިސަރުކާރު އުފެދިފައި މިއޮތީ އަދި މިމަޖިލިސް ވެސް އުފެދިފައި މިއޮތީ މިމަސައްކަތް އަޅުގަނޑުމެން ކުރުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، އިބްރާހީމް ޝަރީފު، އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުތައް ކުރައްވާ ކަމަށް ވިދާޅުވެ، އެކަމުގައި ނަޝީދަށް ރައްދު ދެއްވުމުން، އުފެދުނު ދެބަސްވުމެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަަތުގައި އިންނަވާ ކަމަށް ވަންޏާ އެމްއެމްޕީއާރުސީ މައްސަލަ ނުބަލައި ދޫކޮށްލިޔަ ނުދެއްވާނެ ކަމަށެވެ.  

ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ މީހުންގެ ތަފްސީލުތަކާއި އެ މައްސަލަ ގޮސްފައިވާ ހިސާބެއް ހޯދައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ސިޓީއަކުން މިދިޔަ މާޗު މަހު ރިޔާސަތުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އެ ސިޓީގައި ހަސަން ލަތީފު ލިސްޓު ކުރައްވާފައިވަނީ ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ ބޭފުޅުންނެވެ.

ނަޝީދު ވިދާޅުވީ އެ ސިޓީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާގުޅޭ ކޮމިޓީއަށް ފޮނުއްވި ކަމަށެވެ.

އެ މައުލޫމާތު ހޯދަން އެންމެ އައުލާކަންބޮޑީ މަޖިލީހުގެ 241 ކޮމިޓީއަށް ކަމަށް ވިދާޅުވެ ކޮމިޓީގެ މުގައްރިރު ޖަވާބު ދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހިޔާނާތާގުޅޭ ހަގީގަތަކީ ރައްޔިތުންގެ ނަޒަރު ހުއްޓިވާފައިވާ މައްސަލައަކަށްވާތީ، އެ މައުލޫމާތު ހޯދަން އިއްޔެ އެދިފައިވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދިއްޖައިން ޕްރޮސެކިޔުޓާ ޖެނެރަލް އަރިހުގަ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި ފުލުހުންގެ ކިބައިން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެ އެދިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް ދިނުމަށް،" އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެ މައުލޫމާތު ލިބުމުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައްޔިތުންނާ ވެސް ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު މިއަދު ދެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން "ވަރަށް ގިނަ އާއްމު ރައްޔިތުން އަޅުގަނޑާއި ސުވާލު ކުރައްވާ" ކަމަށާއި އެމައްސަލަ އަކީ "މުޅި ރާއްޖޭގެ ނަޒަރު ހުއްޓިފައި އޮތް މައްސަލައެއް" ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ އަދަދު 300 އަށް ވުރެ އިތުރުވެފައިވާކަމަށް ހިޔާނާތްބަލާ ރިޔާސީ ކޮމިޝަނުން ދާދި ފަހުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގައި ތިއްބެވި މިހާރު އަދި ކުރީގެ މަޖިލީހުގެ މެމްބަރުންތަކަކާއި އަދި މިހާރު ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންތަކަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު