ވިޔަފާރި
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
ބިދޭސީންނަށް ތިލަފުށިން ބިން ގަނެވޭ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު އުސޫލު ބަދަލުކޮށް، ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީ އިން ބުނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެޗްޑީސީ އިން ބުނީ ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން މައުލޫމާތު ދީފައިވެ އެވެ. 

ތިލަފުށި ފޭސް 2 އިން ދިވެހިންނަށް ބިން މިލްކު ކުރެވޭ ގޮތަށް އަދި ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ނެގޭ ގޮތަށް އެޗްޑީސީން މިދިޔަ މަހު އިއުލާނެއް ކުރި އެވެ. ނަމަވެސް ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޭ ގޮތަށް އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުން ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ބިދޭސީންނަށް 99 އަހަރަށް ތިލަފުށިން ބިން ކުއްޔަށް ދޫކޮށްފަ އެވެ. އެ މައްސަލައިގައި ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު ފާޑުކިޔުންތައް ހުއްޓަސް އޭރުގެ ސަރުކާރުން ވަނީ ބިދޭސީންނަށް ބިންތައް ވިއްކައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު