ޚަބަރު
އަގަށް އެސައިންމަންޓް ހަދައިދޭނަމަ ޖޫރިމަނާކުރަން ފާސްކޮށްފި
އެހެން މީހަކު ލައްވައި އަގަށް އެސައިންޓްމަންޓް ހަދައިދިނުން ކުށަކަށް ހަދައި، ޖޫރިމަނާކުރެވޭ ގޮތަށް މަތީ ތައުލީމުގެ ބިލް އިސްލާހުކޮށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

މަތީ ތަޢުލީމުގެ ބިލުގައި އެގޮތަށް ހިމަނައި މަޖިލީހުން ފާސްކުރީ 49 މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހެޅުއްވި މަތީ ތަޢުލީމާއި ބެހޭ ބިލުގައި ވަނީ މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނިޓަރކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށާއި، ދިރާސާ ކުރުމާއި އަދި އެކި ތަމްރީންތައް ކުރިއަށްދާނެ ގޮތްތައް ބަޔާންކޮށްފައެވެ. އެގޮތުން މަޖިލީހުން ފާސްކުރި ބިލުގައި ވަނީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ ކުށެއްކަމަށެވެ. އެގޮތުން އެފަދަ ކުށެއްގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީވެސް ކުށެއް ކަމަށާއި، އެފަދަ ކަމެއްކޮށްފިނަމަ އެފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މަޖިލީހުން ފާސްކުރެއްވި ބިލުގައިވެއެވެ. އަދި އެފަދަ އަމަލެއް ދަރިވަރު ހިންގިތޯ ބެލުމަށް، އެކަށީގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވާނެކަމަށްވެސް މަތީ ތަޢުލީމްގެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެފަދަ އަމަލެއް ދަރިވަރު ހިންގައިފިނަމަ އެފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އެޅޭނެ ކަމަށް ބަޔަންކޮށްފައިވެއެވެ.

ހަމައެހެންމެ އެފަދަ ކަމެއް ދަރިވަރު ހިންގާފައިވޭތޯ ބަލާނެ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރުމަށް ބިލުގައި ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުުރުން އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބުނާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ބިލުގައި އެ މާއްދާ ހިމަނާފައި ވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާއްމުވުމުގެ ސަބަބުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބި މަތީތައުލީމުގެ ފެންވަރު ދަށްވާތީ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މަތީ ތައުލީމުގެ ބިލަށް އިސްލާހު ހުށަހެޅިއިރު ނެޝަނަލް ރިސާޗް ކައުންސިލެއް އުފައްދަން ހުށަހެޅި އެވެ. ނަމަވެސް އެފަދަ ކައުންސިލެއް މިވަގުތު އުފައްދަން ނުފެންނާތީ ބިލްގައިވާ އެ ބާބު ފާސްކުރަން ނުފެންނަ ކަމަށްވެސް ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު