ޚަބަރު
ދައުލަތުން މަންދު ކޮލެޖަށް ކުރިން ދިނީ ބޮޑު ގެއްލުމެއް: އޭޖީ
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ)ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވެފައި ވަނީ ދައުލަތުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ދީފައި ވާތީ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އެތަނުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު ޑިސެމްބަރު 28، 2008 ގައި ވީ އެއްބަސްވުން ފެބްރުއަރީ 6، 2010 ގައި ބަދަލުކޮށްފައި ވަނިކޮށް އެ އެއްބަސްވުން ސަރުކާރުން އުވާލީ ޖެނުއަރީ 25، 2015 ދުވަހު އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ދައުލަތާ އެއްކޮޅަށް ހުކުމް ކުރި ނަމަވެސް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ހުކުމް އައީ ދައުލަތާ ދެކޮޅަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން މާލޭ ހައި ކުންފުނިން ދައުވާކުރަން ހައްގު އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން ވެސް ކާމިޔާބެއް ނުވި އެވެ.

މަންދު ކޮލެޖަށް ބަދަލު ދޭން ނިންމި މައްސަލައިގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އެ ނިންމުމާ ހަމައަށް ދާން ޖެހުނު ސަބަބު ތަފްސީލްކޮށް ކިޔައިދީފަ އެވެ. އޮޑިޓް އޮފީހަށް ބަދަލުގެ ގޮތުގައި ނަގަން ފެންނަ އަދަދު، އޭޖީ އޮފީހަށް ގަބޫލުނުކުރެވޭ ސަބަބުތައް ވެސް ވަނީ ކިޔައިދީފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ ބަދަލަކީ، އެޑިއުކޭޝަނުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއްކަމާއި އެއްބަސްވުމާ ޚިލާފުވެފައިވާ ޚިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއް ކަމަށެވެ. އަދި ލިބުނު ގެއްލުމާގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު، އެކަން ކުރެވެން ވެސް ނެތް ކަމަށާއި މި މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމަން މަޑުކޮށްފި ހާލަތެއްގައި އިތުރު މުއްދަތު ހޭދަ ކުރަންޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އިތުރުވެގެން ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔާންކޮށްފައިވާ އަދަދު ދައުލަތުން ދައްކައި ޚަލާސްކުރާ ގޮތުގެމަތިން މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އައީ" ކަމަށް ބަޔާނުގައިވެ އެވެ.

އެޑިއުކޭޝަނުން އެދިގެން އޮޑިޓަ ޖެނެރަލް އޮފީހުން ހަދާފައިވާ އެސެސްމެންޓުގައި ވާގޮތުން އެހެން އިމާރާތަކަށް ދައްކަން ޖެހޭ ކުއްޔަކީ ބަދަލުދޭން ޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މި ރިޕޯޓުގައި [އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި] ވާގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މާލޭ ހައި އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށް މާލޭ ހައިގެ ކިބައިން އެމްއީއެސް އިމާރާތް ވަކިކޮށްފައި ވީ ނަމަވެސް އޮޑިޓަ ޖެނެރަލްގެ ނަޒަރުގައި މާލޭ ހައި އިން އިންޓަނޭޝަނަލް ސުކޫލެއް ހިންގާފައި ނުވާތީ އެހެން އިމާރާތަކަށް ދައްކަން ޖެހޭ ކުއްޔަކީ ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމެއް ނޫނެވެ." އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ އޮޑިޓަ ޖެނެރަލް އެގޮތަށް ނިންމިއިރު މާލޭ ހައިއިން އިންޓަނޭޝަނަލް ސުކޫލެއް ހިންގުމުގެ ހުއްދަ އެޑިއުކޭޝަނުން ދީފައި ނުވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެކުލަވާލާފައިވާ ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ރެކޮމަންޑް ކޮށްފަ އެވެ.

ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުން ކަމަށް އެސެސްމަންޓުގައިވެ އެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ އެވެ.

ދެވަނަ އަދަދަކީ ޖުމްލަ 1.58 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެންމެ ގިނަވެގެންވެސް އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާ އެވެ.

މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، އިބްރާއަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެއެވެ. މީގެ ކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މި ސަރުކާރުގައި ބަދަލު ނަގައިދީފައިވެއެވެ. ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން ހިންގަނީ "ޖަރީމާ" ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު