ދައުލަތުން އެދުނީ ގޮނޑީގެ އިސްލާހު ސައްހަކަމާއި މިހާރުގެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް ކަނޑައަޅައިދޭން
މަރިޔަމް އަނާ
10 މާޗް 2025 - 13:28
0 comments

ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދައުލަތުން އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ސުޕްރީމް ކޯޓުގައި ފެށިއިރު ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ. ދައުލަތުން އެދުނީ ވެސް އެގޮތަށް ކަނޑައަޅައިދިނުމަށެވެ.ނަމަވެސް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ނިންމީ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. އަދި، 10 ދުވަހުގެ ފުރުސަތެއް ޖަވާބުދާރީވުމަށް ދައުލަތަށް ދީފައިވެ އެވެ.މިދިޔަ ބުރާސްފަތި ދުވަހު ޖަވާބު ފޮނުވަން ދިން މުއްދަތު ހަމަވާން އުޅެނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މުއްދަތު އިތުރުކޮށްދޭން އެދިފަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ޖަވާބު މި ފޮނުވީ، ސުޕްރީމް ކޯޓުން އިތުރުކޮށްދިން މުއްދަތުގެ ތެރޭގަ އެވެ. އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބުގެ ޖަވާބުގައި އެދުނީ އިޖުރާއީ ނުކުތާތަކުގައި ފާހަގަކުރި ގޮތަށް އެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ދެން އެދުނީ ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ސައްހަ އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.ދައުލަތުން ގަބޫލު ކުރަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ސައްހަކަން ބެލުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނުލިބޭ ކަމަށެވެ. އަދި އަސާސީގެ މާއްދާއެއް ބާތިލް ކުރުމުގެ ބާރު ވެސް ކޯޓަށް ނެތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލު ކުރެ އެވެ.އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލު، ފާތިމަތު ހަލީމް ވަކާލާތު ކުރެއްވީ ގާނޫނުއަސާސީގެ 174 ވަނަ މާއްދާގެ ހ. ގައި ބަޔާން ކުރާ ދުސްތޫރީ މައްސަލައިގެ ތައުރީފުގެ ތެރެއަށް މި މައްސަލަ ނުފެތޭ ކަމަށް ވިދާޅުވެ އެވެ.ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ކުރިއަށް ގެންދަން ނިންމައި، މައްސަލަ ނިމެންދެން ގާނޫނުއަސާސީގެ އިސްލާހަށް އަަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަަށަން ކުޑަތަން ވެފައި ވަނިކޮށް، ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:- ހުސްނުއްސުއޫދު
- މަހާޒު އަލީ ޒާހިރު
- ޑރ. އަޒްމިރަލްދާ ޒާހިރު
މިދިޔަ 26 ފެބްރުއަރީގައި ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ފަހު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ސުއޫދު ވަނީ މިދިޔަ ހަފުތާ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި މިހާރު ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން، ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. ނަތީޖާއަކީ މިހާރު އޮތް މައްސަލަ ކުރިއަށް ނުގޮސް ހުއްޓުމެވެ.
ކިޔުންތެރިންގެ ޝުއޫރު