ޚަބަރު
މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބުދަ ދުވަހު ނިންމަނީ!
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން
ސިޔާސީ ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން އަންނަ ބުދަ ދުވަހު އެ ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އެ މައްސަލާގެ އަޑުއެހުންތައް މި މަހު ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު އެވެ.

އެ މައްސަލަ ނިމެންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން އަލީ ހުސައިންގެ ފަރާތުން އެދުނަސް ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރާ ހުކުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ނުހަނު މުހިންމު ނިންމުމަކަށް ވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. 

ސުޕްރީމް ކޯޓުގައި މި މައްސަލަ ފުރަތަމަ ބަލަމުން ދަނިކޮށް، ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައިވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި އެވެ. އޭގެ ފަހުން:

  • ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވި

  • ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒުމިރަލްދާ ޒާހިރު ވަކިކުރި

  • އުއްތަމަ ފަނޑިޔާރަކަށް އޭރު ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔާކުރެއްވި

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ފުރަތަމަ ބަލަން ފެއްޓެވިއިރު، އޭރު ތިއްބެވި ހަތަރު ފަނޑިޔާރަކު މިހާރު ބެންޗުގައި ނެތުމުން ބެންޗުގެ މެޖޯރިޓީ މި ވަނީ ބަދަލުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު