ޚަބަރު
ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތް: ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނު އަަސާސީއާ ހިލާފު ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ ކަމަށާއި އެހެންވެ، ރިޔާސީ ނިޒާމުތަކުގައި ވެސް އެފަދަ އުސޫލުތައް އޮންނަކަން އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދެ ނިޒާމުގެ މަސްހުނި ސިފަތައް އެކުލެވޭ ނިޒާމުތައް އޮންނަ ގައުމުތަކުގައި އެ އުސޫލު އޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"ނާޖާއިޒް ފައިދާ ނެގުމުގެ ދޮރު ބަންދު ކުރުމަށް މިފަދަ ގާނޫނުތައް ގައުމުތަކުގައި ހެދިފައި ހުންނަކަން ފާހަގަ ކުރެވޭ." ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ފާހަގަކުރެއްވި ނުކުތާތައް:

  • އެންޓި ޑިފެކްޝަންގެ އުސޫލުތަކަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުތަކުގައި އޮތް ކަމެއް ނޫންކަން
  • ސިޔާސީ ޕާޓީތަކުގައި އުފެދޭ ބައިބައިވުންތައް ކުޑަކުރަން މިފަދަ ފިޔަވަޅުތައް އަޅާކަން
  • ރާއްޖެއަށް އެންޓި ޑިފެކްޝަން އުސޫލު މުހިންމުނުވާކަމަށް ބުނެވޭކަަށް ނެތްކަން
  • އެންޓި ޑިފެކްޝަން ގާނޫނުތަކަށް އަމަލުކުރުމުގައި އެ ގައުމެއްގެ ދާޚިލީ ހާލަތަށް ރިއާޔަތްކުރޭ.
  • އެންޓި ޑިފެކްޝަން އުސޫލަކީ އަސާސީ ހައްގުތަކާ ފުށުއަރާކަމެއް ނޫންކަމަށާއި އެއާ އިދިކޮޅުވާ ކަމެއް މި މައްސަލައިގައި އަލީ ހުސައިނަށް ފާހަގަކޮށް ނުދެވުނުކަން
  • އެންޓި ޑިފެކްޝަންގެ އުސޫލަކީ ގާނޫނު އަސާސީގެ ސިޔާދަތީ ބާރަށް އުނިކަން ލިބޭކަމެއް ނޫން.
ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ އެ އިސްލާހު ބާތިލް ކުރަންޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ރައުޔުގައިވަނީ މެމްބަރުން މަޖިލީހަށް ހޮވަނީ މީހާއަށް ބަލައިގެން ކަމަށްވުމާއި މެމްބަރުން އިސްކުރަން ޖެހެނީ ރައްޔިތުންގެ މަސްލަހަތު ކަމަށްވާތީ އެވެ. އަދި މެމްބަރުންނަށް އިމްތިޔާޒްތަކެއް ލިބިދިން ނަމަވެސް އެ އިސްލާހު އޮތްގޮތުން ޕާޓީތަކުގެ ސިޔާސަތުތައް ހުންނަ ގޮތުން މެމްބަރުންނަށް ހުރަސްތައް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު