
އުޝާމް މިފަދައިން ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތް ގާނޫނުއަސާސީ އާއި ހިލާފު ކަމަށް މީގެ ކުރިން އޭނާ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ."އާދެ. މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގަ ހިމެނިފަ އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމަ އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.އޭނާގެ މި ޖަވާބާއެކު ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވަނީ ރާއްޖެ އަކީ ބިން ކުޑަ ގައުމެއް ކަމުން މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމަށް ބުނެ، އެއްވެ އުޅުން އިތުރަށް ހަނިކުރަން ފެނޭތޯ އުޝާމް އާއި ސުވާލުކުރައްވާފަ އެވެ.މެމްބަރު ނަސީރުގެ ސުވާލުގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ އެއްވެ އުޅުމުގެ މިނިވަންކަމާއި އަޑުގަދަ ކުރުމުގެ ހައްގު ގާނޫނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދީފައި ވިޔަސް ރާއްޖޭގައި، ހާއްސަކޮށް މާލޭގައި އެވަރަށް ޖާގަ ނޯންނަ ކަމަށް ވިދާޅުވެ އެވެ.އޭޖީ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ވެސް ބޭނުންކުރަން އޮންނަނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށްގެންނެވެ."ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބޭ ހައްގުތަކަކީ އެއްވެސް އިމެއް ނެތް ގޮތުގައި ހައްދެއް ނެތް ގޮތުގައި ލިބޭ މިނިވަންކަމެއް ނޫން ކަން. ގާނޫނުއަސާސީން ލިބޭ ކޮންމެ މިނިވަންކަމަކީ ވެސް އޭގެ ޒިންމާތަކަކާ މަސްއޫލިއްޔަތުތަކެއް އޭގައި އެކުލެވިގެންވާ ހައްގުތަކެއް،" އޭޖީ ވިދާޅުވި އެވެ."އެހެންވެގެން ގާނޫނުއަސާސީގައި އޮންނަނީ ދެވަނަ ބާބުގައި އޮންނަ ހައްގުތައް ގާނޫނެއްގެ ދަށުން، ގާނޫނެއްގައި ލިޔެގެން ހަނިކުރެވިދާނޭ."އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުތައް ބާތިލްކުރާނެ ކަމަށް މިދިޔަ ސަރުކާރުން ވެސް ބުންޏެވެ. ނަމަވެސް އެކަން ކުރެވިފައެއްނުވެ އެވެ.