
ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ހުރިހާ އެންމެންގެ މައްސަލަތައް ބަލައި ނިންމުމަށްފަހު، ވާނުވާ ބަންދުގައި ތިބި ބާކީ ހުރި ހުރިހާ އެންމެންގެ މައްސަލަތައް ވެސް ކުރިއަށްދާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ."އެޓާނީ ޖެނެރަލް އޮފީހަށް މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ މައުލޫމާތުގެ އަލީގައި ކޯޓުތަކުގެ ތެރޭ މިހާރު ހިނގާ މައްސަލަތަކަށް ބަލާއިރު އެޓާނީ ޖެނެރަލް ވިދާޅުވެލައްވަނީ އެބޭފުޅުންނަށް ދެއްވާފައިވާ މައުލޫމާތުގައި މި އަންނަ މާޗް މަސް ނިމޭއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް، ކޯޓު މަރުހަލާތައް ނިމޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.ރައީސް ވަނީ އޭގެފަހުގައި ދެން މަސައްކަތް ކުރައްވާނީ ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ދާއިމީ ހައްލުތަކެއް ގެނައުމަށް ކަމަށްވެސް ވިދާޅުވެފަ އެވެ.ރައީސް ވިދާޅުވެފައި ވަނީ، ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.