އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މި ވޭތުކުރި 60 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގެ ގޮނޑިއަކަށް ރާއްޖެ އިންތިހާބުވުމަކީ، ތާރީހީ ކާމިޔާބީއެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، އ.ދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ރާއްޖެ މިއަދު އިންތިހާބުވުމާއި ގުޅިގެން އެކްސްގައި ކުރެއްްވި ޕޯސްޓެއްގަ އެވެ.
އިކޮސޮކްއަކީ އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އދ. ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭހެން، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްވަމުންދާ މިންވަރު ބަލައި މުރާޖަޢާކުރުމުގައިވެސް އިކޮސޮކް އިން މުހިންމު ދައުރެއް އަދާކުރެ އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ އދ. ގެ އާއްމު މެމްބަރަކަށް 1965 ވަނަ އަހަރުވުމަށް ފަހު، މިވީ 61 އަހަރުގެ ތެރޭގައި އިކޮސޮކް އަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރު ކަމަށެވެ.
އެ މަޖިލީހުގައި ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ އާ އަހަރާ އެކު ޖެނުއަރީ، 2027 ގަ އެވެ. އަދި ދެ އަހަރުގެ ދައުރު ހަމަވާނީ ޑިސެމްބަރު 31، 2029 ގަ އެވެ.ފޮރިން މިނިސްޓްރީން ބުނީ އެ އިންތިހާބު ކާމިޔާބުކުރީ 183 ވޯޓުން ކަމަށެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާ އެކު ދެން ހޮވުނީ މެލޭޝިއާ އަދި ސައުތު ކޮރެއާ އެވެ.