ވިޔަފާރި
މާލެ-ހުޅުމާލެ އެއް ކަރަންޓު ވިއުގައިން ގުޅާލައިފި
މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ މިއަދު ހެނދުނު ކަރަންޓު ކަނޑާލަންޖެހުނީ މިމަސައްކަތުގައި ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ގުޅާލުމަށްކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުއަކީ މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލަން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވާލާއިރު، ދެވަނަ ފިޔަވަހީގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ވަނީ ރާވާފަ އެވެ.

ސްޓެލްކޯއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން 3 ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކާއި ކަނެކްޝަންތައް ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. ހުކުރު ދުވަހުގެ ހެނދުނު 7:00އިން ފެށިގެން 9:00އާ ހަމައަށް މުޅި މާލެއިން ކަރަންޓު ކަނޑާލައި ކަނެކްޝަންގެ އެންމެ ފަހުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެއީ ބުރިޖުގެ މާލެއާވީ ކޮޅުން ކަނެކްޝަން ޓްރާންސްފޯމަރުތަކާ ގުޅާލުމުގެ މަސައްކަތެވެ.

އަދި އަންނަ ހަފްތާގެ ހުކުރު ދުވަހު މި ކަނެކްޝަންތަކުގެ އެނެލިސިސްއެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެއާއެކު ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެކަމެއް ޙައްލުކުރެވޭނެކަމަށާ އޭގެފަހުން މިވިއުގަ ބޭނުންކުރަން ފެށޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހައިލާނެ އެވެ.

މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަ ހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. މި ޕްރޮޖެކްޓާ އެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު