ޚަބަރު
މާލެ-ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައިފި
މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައި ފުރަތަމަ ފަހަރަށް ޓެސްޓު ކުރަނީ
މާލެ- ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގައަކުން ގުޅާލައި އެ ވިއުގަ ފުރަތަމަ ފަހަރަށް ޓެސްޓު ކޮށްފި އެވެ.

މާލެ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ހިންގި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ނިންމައިލީ މި މަހުގެ ކުރީކޮޅު އެވެ.

ސްޓެލްކޯ އިން މިއަދު ވަނީ މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ސިންކްރޮނައިޒްކޮށް ނުވަތަ ގުޅުވާލައި ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފަ އެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓު ގްރިޑަށް ކާމިޔާބުކަމާ އެކު ދެ އިންޖީނުގެ މިހާރު ގުޅާލާފައިވާ ކަމަށެވެ. އަދި މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެއިން މާލެއަށް ދެން ކަރަންޓު ފޮނުވޭނެ ކަމަށެވެ.

"ހަކަތައިގެ ސިނާއަތުގައި އާ ހަރުފަތަކަށް މި ވަނި ދެވިފައި. އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެ،" ސްޓެލްކޯއިން ބުނެ އެވެ.

"ގްރޭޓާ މާލެ ގްރިޑާ އެކު އަޅުގަނޑުމެން މިވަނީ ހަކަތައިގެ ސިނާއަތުގެ މުޅިން އާ ހަރުފަތެއް ގިރާކޮށްފައި. އިރާދަކުރެއްވިއްޔާ މި ގްރިޑާ އެކު އަޅުގަނޑުމެން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ،"

ހުޅުމާލޭގައި ހުންނަނީ 50 މެގަވޮޓުގެ އިންޖީނުގެ އެކެވެ. ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓްގެ ކަރަންޓެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލޭގެ ކަރަންޓު ޑިމާންޑު ފޫބައްދަން މާލެއަށް ބަހާލާނެ އެވެ.

މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވާއިރު، މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުމުން ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯ އިން ކުރިން ބުނެފައި ވެ އެވެ.

އަދި މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތިލަފުށީގައި 150 މެގަވޮޓްގެ އިންޖީނުގެއެއް ބެހެއްޓުމަށް މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު