ޚަބަރު
ރާއްޖެ އަށް އިންޑިޔާ އިން ދޭ ހިލޭ އެހީ އިތުރުކުރުމުގެ އެއްބަސްވުން އާ ކޮށްފި
ރާއްޖެއަށް ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ އެހީ އިތުރުކޮށް އެކަމާ ގުޅޭ އެއްބަސްވުން އައު ކޮށްފި އެވެ.

މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރް އެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އިންޑިއާގެ ހައިކޮމިޝަނުން ބުނީ މި އެމް.އޯ.ޔޫގެ ދަށުން ރާއްޖޭގެ އެކި ރަށު އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 9 ނުވަތަ 10 ހައި-އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެ ކަމަށެވެ.

ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާއެވެ. މި އެމްއޯޔޫގައި ސޮއިކުރުމާއެކު މި އަދަދު 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވާނެއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެމްއޯޔޫގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މާޗް 17، 2019 ގައެވެ. 

ހައި އިމްޕެކްޓް މަޝްރޫއުތަކުގެ ބޭނުމަކީ މުޖްތަމައަށް އިގްތިސާދީ އަދި އިޖުތިމާއީ ހެޔޮ އަސަރުތަކެއް ކުރާނެ މަޝްރޫއުތަކެއް ހިންގުމެވެ. މި މަޝްރޫއުތައް ހިންގަނީ މަޝްރޫއު ހަވާލުކުރާ އިދާރާގެ ބެލުމުގެ ދަށުންނެވެ.

އެއީ އައްޑޫ ހިތަދޫ، މަރަދޫ އަދި ހުޅުދު އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުތަކާއި އައްޑޫ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމްގެ ޒޯނުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކާއި ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއާއި އައްޑޫ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ގާއިމުކުރުން އަދި ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ބެހެއްޓުމެވެ.

އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ ހައި އިމްޕެކްޓް މަޝްރޫއުތަކަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ދިވެހި ސަރުކާރުން އިޖުތިމާއީ ބައެއް ދާއިރާތަކުން ހޮވާފައިވާ މަޝްރޫއުތަކެކެވެ. މި ގްރާންޓް އެހީގެ ދަށުން ފެށިފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަސް ޕްރޮސެސިން ޕްލާންޓް ގާއިމުކުރުމާއި އީކޯ ޓޫރިޒަމް ޒޯން ގާއިމު ކުރުމާއި ޑްރަގް ޑީޓޮކްސް ސެންޓަރު ގާއިމު ކުރުމާއި ފެން ބަންދުކުރާ ޕްލާންޓް ގާއިމު ކުރުމާއި ސޮއިލް ޓެސްޓިން ލެބް ގާއިމު ކުރުން ފަދަ ކަންކަން ހިމެނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު