ވިޔަފާރި
އިންޑިއާ އާއި ޗައިނާ އިން އެތެރެކުރާ މުދަލަށް ރުފިޔާ އިން ފައިސާ ދެއްކޭނެ އިންތިޒާމެއް
އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އަމާޒަކީ އިންޑިއާއި ޗައިނާއިން ގެންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރު ލިބޭ ރޭޓް، ރަސްމީ ބޭންކް ރޭޓަށް ތިރި ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

އެކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާއާ އެކު 780 މިލިއަން ޑޮލަރު އަދި ޗައިނާއާ އެކު 720 މިލިއަން ޑޮލަރުގެ ވިޔަފާރި ރާއްޖެ އިން ކޮންމެ އަހަރަކު ވެސް ކުރާ ކަމަށެވެ. އެ ވިޔަފާރީގައި ރާއްޖެ ގެންނަ މުދަލަށް ޑޮލަރު ނޫން ގޮތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހުމުގެ ހުރިހާ ސިގްނަލެއް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަނަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ނަމަވެސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަކީ އިގްތިސާދީ ގޮތުން ހުޅުވާލެވިފައިވާ ގައުމަކަށް ވާތީ ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ފަސޭހަވާނެހެން ސިޔާސަތުތައް ބައްޓަން ކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ އެކު މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް، ރަސްމީ ރޭޓަށް ބަދަލުކޮށް ރަސްމީ ރޭޓަށް ވުރެވެސް ޑޮލަރުގެ އަގު ހެޔޮކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް އެކަން ކުރެވިއްޖެނަމަ ދިވެހި ރުފިޔާ 40 އިންސައްތަ ވަރުގަދަވެގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ނަތީޖާއެއްގެ ގޮތުގައި 15.42 އަށްވުރެ ދަށަށް ޑޮލަރު ރޭޓް އޭރުން ދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ވަރުގަދަ އީ-ވޮލެޓްގެ ހިދުމަތް ވެސް ރާއްޖެ ގެންނަ ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސް ތެރޭގައި "އަލިޕޭ" އަދި "ވީޗެޓް" ގެ ހިދުމަތް ރާއްޖެއަށް ދޭން އެ ތަންތަނުން ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ސައީދު ހާމަކުރެއްވި އެވެ.

"މިއީ މި ސަރުކާރުގެ ސްޕީޑަކީ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ހައްދުންމަތީގެ ހުރިހާ ގޮނޑިތަކެއް ދެއްވާ،" ސައީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު