ޚަބަރު
ވިލުފުށީ ދާއިރާގެ މެންބަރާމެދު ފިޔަވަޅު އަޅަން ވާނީ އަންގާފައި: ރައީސް
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބަރާހީމް މުހައްމަދު ސޯލިހު އާބެހޭ ގޮތުން ދެއްކެވި ވާހަކަ ތަކާ ގުޅިގެން، އެކަން ބެލުމަށް އެމްޑީޕީގެ ޗެއަޕާސަން އަށް އަންގާފައި ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަަމަލާއާ ގުޅޭގޮތުން ދިވެހި ޗެނަލްގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ އަދާލަތު ޕާޓީގެ މެންބަރުން ކަަމަށެވެ. އަދި ރައީސް ސޯލިހުވެސް އަދާލަތުގެ މެންބަރަކަށް ވެވަޑައިނުގަންނަވާ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ މޭ 6 ކޮމިޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ އެ ވާހަކަތަކާއި ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ރަައީސް ސޯލިހް އަންގަވާފައިވާ ކަމަށެވެ. ތަކުރާރުކޮށް އެ ވާހަކަ ހަސަން ވިދާޅުވިއެވެ. 

ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ ކަންކަން ކުރުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. ހަސަން އަފީފު ފަދަ ސީނިއާ ބޭފުޅަކު އެފަދަ ވާހަކަ ދެއްކެވުމުން އެކަން ބެއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެމަނިކުފާނު މިހާރު އެމްޑީޕީގެ މެމްބަރަކަށް ނުވަނީތޯ، އެމްޑީޕީގެ ޗެއާޕާސަންގެ އަރިހުން އައްސަވާފައިވާ ކަމަށެވެ.

އަފީފަށް ފިޔަވަޅު އަޅަން ރައީސް އެންގެވީ ކޮން އިރަކުތޯ ސުވާލުކުރުމުން އަފީފް ކުރިން ވިދާޅުވީ އެންގެވީ ކޮން އިރަކުކަން އެނގިވަޑައިނުގަަންނަވާ ކަމަށާއި އެހެން ނަމަވެސް އޮތީ އަންގަވާފައި ކަމަށެވެ.

"އަޅުގަނޑަށް އެނގެނީ އަންގަވާފައި އޮތްކަން. އެހެންވެ ކަންނޭނގެ ޕީޖީ ލީޑަރު (އަލީ އާޒިމް) އޮތެއް ނޫންތޯ ޓްވީޓްކުރައްވާފައި، އެމްޑީޕީގެ ޕާލަމެންޓް މެމްބަރަކު، ނުބުނާނޭ އެހެންނެއް،" އަފީފް ވިދާޅުވި އެވެ.

ރައީސް ހުންނެވީ އަދާލަތު ޕާޓީގައި ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަފީފް ވިދާޅުވި ޚަބަރާ އެކު އާޒިމް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެއްވެސް އެމްޕީއަކު އެހެން ވިދާޅުނުވާނެ ކަމަށެވެ.

އަފީފަށް ފިޔަވަޅު އަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ރައީސް ހުށަނާޅުއްވާ ކަމަށް ޕީޖީ ލީޑަރު އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެން ބޭފުޅަކު ވެސް އެގޮތަށް ހުށަނާޅުއްވާ ކަމަށެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކޮށްފައި ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ދެ ފެކްޝަނެއް އުފެދި، ކޮންމެ ފެކްޝަނަކުން ވެސް މިހާރު ގެންދަނީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު