އެމްޑީޕީ އިން ބާއްވާ މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި
ހުސެން ރަޝީދު
16 ޖޫން 2026 - 21:08
0 comments
ބުރާސްފަތި ދުވަހުގެ މުޒާހަރާގެ ޕޯސްޓަރެއް އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ހަރުކުރައްވަނީ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިނގަމުންދާ އަމަލުތައް ހުއްޓާލަން ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ކުރާ މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި އެވެ.
އެމްޑީޕީ އިން މުޅި ރާއްޖޭގައި އެއްވަގުތެއްގައި މުޒާހަރާކުރަން ނިންމާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރެއް، ޖަލްސާގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެންނެވެ.އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ މަގުބޫލުކަން ގެއްލެމުންދާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ އަމަލުތަކުގެ ސަބަބުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ ތިން ކަމެއް ފާހަގަވާ ކަމަށެވެ. އެއީ:- މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ގާނޫނުގައިވާ މުއްދަތު ދަންމާލައި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައިވުން
- ރައީސް މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި، އަދި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ތިބި މީހުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑްކުރުމާއި އާއިލާއާ ދުރު ރަށްރަށަށް ބަދަލުުކުރުން ފަދަ ފިޔަވަޅުތައް އެޅުން
- ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަމުން ގެންދިއުން
މި ކަންކަމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމުގެ އިތުރުން އިތުރު ދެ މަސައްކަތެއް ހިންގުމަށް ވެސް އެ ގަރާރުގައި ހިމަނާފައިވެ އެވެ. އެއީ:- އެމްޑީޕީގެ މެޖޯރިޓީ ކައުންސިލްތަކާ ގުޅިގެން، ހުއްޓާލާފައިވާ މަޝްރޫއުތައް އެ ކައުންސިލްތަކުން ހިންގޭނެ ގޮތެއް ހޯދުމަށް ޕާޓީން މަސައްކަތްކުރުން
- މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުންނާއި، ވަޒީފާއިން ވަކިކުރަމުންދާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން
ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި ބާއްވާ މުޒާހަރާގެ ޕޯސްޓަރުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރަން ވަނީ ފަށާފަ އެވެ. މި ހަރަކާތް ފެށުނީ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުންނެވެ. މި ހަރަކާތުގައި ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު