ޚަބަރު
ވަގުތީ ނަތީޖާ: ނަޝީދަށް 68 ޕަސެންޓު، މީކާއީލްއަށް 30 ޕަސެންޓު
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 68.9 ޕަސެންޓު އަދި މެންބަރު މީކާއީލް އަހުމަދު ނަސީމަށް ލިބިވަޑައިގެންނެވީ 30 ޕަސެންޓު ވޯޓުކަން ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. 

މި އިންތިޚާބުގައި 3 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަށް 21،301 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އެމަނިކުފާނާ މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 9،462 ވޯޓެވެ.

މި އިންތިހާބުގައި ވާދަކުރެއްވި އިބްރާހިމް މުޙައްމަދަށް ލިބުނީ 132 ވޯޓެވެ.  

ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވަނީ އެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންފަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ނަޝީދު ވަނީ އެމަނިކުފާނާ ވާދަ ކުރެއްވި މީކާއީލްއާ ވާހަކަ ދައްކަވައިފަ އެވެ. އަދި ޕާޓީގެ މަސައްކަތްތަކުގައި ކުރިއަށްދާނީ އެކުގައި ކަމަށް ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު