ޚަބަރު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން ފަށައިފި
އެމްޑީޕީގެ އިންތިހާބަކަށް ސްކޫލެއްގައި ގާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒެއް -- ފޮޓޯ: އަދަދު
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން ފަށައިފި އެވެ.

އެމްޑީޕީން ބުނީ މި އިންތިހާބުގެ ވޯޓުލުން މިރޭ 8:30އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ.  

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ:

  • ކެންޑިޑޭޓު ނަންބަރު 1، ކުރީގެ ރައީސް މުހައްމަދު ނަޝީދު

  • ކެންޑިޑޭޓު ނަންބަރު 2، އިބްރާހީމް މުހައްމަދު (ވާޑު)

  • ކެންޑިޑޭޓު ނަންބަރު 3، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް

އެމްޑީޕީގެ އެތެރޭގައި ފެކްޝަންތަކުގެ ވާދަވެރިކަން ބޮޑެވެ. ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ ފެކްޝަނާ އެކީގަ އެވެ.

މީކާއިލްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނުންނެވެ. ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާކަން ޝާހިދު އިއުލާންކުރައްވާފައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު