މިދިޔަ އަހަރުގެ 3 އޮކްޓޯބަރު ދުވަހުގެ ރޭ، ފުލުހުން ދިން އިރުޝާދާ ހިލާފަށް މަޖީދީމަގުން އިދިކޮޅު އެމްޑީޕީގެ މުޒާހަރާ ކުރިއަށް ގެންދަން އުޅުމުން، މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނާ އަށް މީހުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ދައުލަތުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ފާތިމަތު ޒަހިއްޔާ އާއި އިތުރު ހަ މީހެއްގެ މައްޗަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައުރޫފް ފިޔަވައި ދެން ތިބި މީހުންގެ ބައެވެ. އޭގެ ތެރެއިން ތިން މީހަކު ދައުލަތާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދިފައިވާއިރު، ދެން ތިބި ހަތަރު މީހުންގެ ފަރާތުން އެދުނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށެވެ.
ކޯޓުން ވަނީ ވަކީލުން އައްޔަންކުރަން 10 ދުވަހުގެ މުއްދަތެއް އެ މީހުންނަށް ދީފަ އެވެ.މިދިޔަ އަހަރުގެ 3 އޮކްޓޯބަރުގައި ބޭއްވި އެ މުޒާހަރާ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އެކަމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެހެން ހަތް މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ވެސް ފޮނުވި އެވެ. އެކަމަކު ޕީޖީ އޮފީހުން ނިންމީ އެ ހަތް މީހުންގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.