ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު 6،328 ވޭޕް ކާޓްރިޖް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގަތް ވޭޕް ކާޓްރިޖުތައް - ފޮޓޯ: ކަސްޓަމްސް
ރާއްޖެ އެތެރެކުރަން އުޅެނިކޮށް އިތުރު 6،300 އަށް ވުރެ ވޭޕް ކާޓްރިޖު އިއްޔެ އަތުލައިގަނެ، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަތުލައިގަތް އެއްޗެހީގެ އަދަދު 23،000 އަށް ވުރެ މައްޗަށް އަރައިފި އެވެ. 

ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މިގޮތުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. 

ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު