ޚަބަރު
އަނެއްކާ ވެސް ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފި
ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ވޭޕް ކާޓްރިޖްތަކެއް އިއްޔެ ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 21 ގައި ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަންގައި، މަގުމަތިން ދިވެހި ދެ ފިރިހެނަކު ހުއްޓުވައި ސުވާލުކޮށް، އެ މީހުން ދުއްވި ސައިކަލާއި، އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ، އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެ އެވެ.

އަދި އެތަން ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.

އެ ފަދަ ތަކެތި އެތެރެކޮށްގެން މިހާތަނަށް ކުރި ޖޫރިމަނާތަކުގެ އަދަދު ވަނީ 723 މިލިއަން ރުފިޔާއިން މައްޗަށް އަރައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު