ވިޔަފާރި
ސްޓެލްކޯ އަކީ ކަރަންޓުގެ މަސައްކަތަށް އަންހެނުން ނުކުތުމަށް ހިތްވަރުދޭ ތަނެއް: މުގުނީ
ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ކަރަންޓުގެ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް އަންހެނުންނަށް ހާއްސަކޮށްގެން ސްޓެލްކޯ އިން ހިންގި "ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯހުގެ ނިންމުން ފާހަގަ ކޮށް، ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއްކަމަށެވެ. އަދި މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓްފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއް ކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ޚިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީޚީ ގޮތުން ބަލާނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާއެކު، މިކުންފުނި ވެފައިމިވަނީ މި ސިނާއަތައް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދިޔަ "ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯސް"ގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވި ނަމަވެސް، ކޯވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައިވަނީ މީގެ ތެރެއިން 10 ބައިވެރިއަކަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ. މިއަހަރު ނިމުމުގެ ކުރިން މި ކޯހުގެ އިތުރު ބުރެއް ބޭއްވުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. 

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަމަށް ކުރިން ފާހަގަކުރެވުނަސް މި ކޯސް ނިންމި އަންހެނުން ކުރިމަގުގައި ވާނީ އެ ދާއިރާ އަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށެވެ.

"މިއީ ދެވަނަ ފަހަރު އަޅުގަނޑަށް ސްޓެލްކޯގެ މިފަދަ ހަފްލާއަކަށް ދައުވަތު ލިބުނު. މި ބިލްޑިންގަށް އަޅުގަނޑަށް ވަދެފައި ނުކުމެވެނީ ފަހުރުވެރިކަމާއެކު. އެއީ ކޮންމެ ފަހަރަކު ވެސް އަޅުގަނޑަށް ބައިވެރިވެވެނީ ސްޓެލްކޯ އިން އަންހެނުން ބާރުވެރިކުރުމަށް ކުރާ ކޮންމެވެސް މަސައްކަތެއްގައި،" ސްޓެލްކޯ އިން އަންހެނުންނަށް ދޭ އިސްކަން ފާހަގަކުރައްވަމުން ޖީހާން ވިދާޅުވި އެވެ.

އެ ކޯހުގައި 20 މީހަކު ބައިވިރިވި ނަމަވެސް، ކޮވިޑާ ގުޅިގެން ދިމާވި ހުރަސްތަކާއެކު ކޯސް ފުރިހަމަކުރީ އޭގެ ތެރެއިން 10 ބައިވެރިއަކު ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ސެޓްފިކެޓް ހާސިލުކުރީ އޭގެ ތެރެއިން އަށް ބައިވެރިއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު