
ދިޔާނާގެ ފާޑުވިދާޅުވުމުން އަދާލަތު ޕާޓީގެ ވެރިންނަށް އަމާޒު ކުރެއްވީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އިހްމާލެއް ނުފެންނަހާ ހިނދަކު އެމަނިކުފާނާއެކު އަދާލަތު ޕާޓީ އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ."ރައީސުލްޖުމްހޫރިއްޔާ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ ސިޔާދަތާ މިނިވަން ކަމަށް ރައްކާތެރިވެ ހުރެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް އަދާ ކޮށްދޭހާ ހިނދަކު އެމަނިކުފާނާ އަދާލަތު ޕާޓީ އާ އިންޗިއެއް ވެސް ދުރުވެގެން ނުދާނެ. ނަމަވެސް، މިދެންނެވި އަސާސް ތަކުން ފަހަތަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅާލައި ދެކޮޅަށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީ ފަހަރެއްގަވެސް ފަހަކަށް ނުޖެހޭނަން. މިއީ އަޅުގަނޑުމެންގެ ނިންމުން،" އިމްރާން ވިދާޅުވިއެވެ.އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އަކީ ރާއްޖޭގައި ތިން ވަނައަށް އުފެދުނު ސިޔާސީ ޕާޓީ ކަމަށްވާއިރު، މިދިޔަ 16 އަހަރު ތެރޭގައި އެ ޕާޓީން ވަނީ އެހެން ސިޔާސީ ޕާޓީ ތަކަށް ލާމަސީލު ނަމޫނާ ދައްކާފައި ކަމަށެވެ.އިމްރާންގެ މި ވާހަކަތަކަށް ރައްދު ދީ ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ އާރާއި ބާރު ހޯއްދެވުމަށް އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނުވިއްކަވާނެ އެއްވެސް އެއްޗެއް މި އުޑުދަށުގައި ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު ބޭސްއެއް ނެތްއިރުވެސް ސަރުކާރު އަމިއްލަ ކުންފުންޏެއްހެން ފޮތިފޮތިކޮށްގެން ހިއްސާ ނަންގަވައިގެން ތިއްބެވީ "ދީނާ ސިޔާދަތު" ރަހުނުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.ދިޔާނާގެ ފާޑުވިދާޅުވުން އަދާލަތަށް އަމާޒު ކުރެއްވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދާލަތާއެކު ބާއްވަވާ ގުޅުމާމެދު އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އާންމު މެންބަރުންވެސް ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. ހުދު ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް ހުންނެވީ "އަދާލަތުގެ ހިސޯރެއް"ގެ ތެރޭގައި ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.