ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދިޔާނާގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުރަތަމަ ކެބިނެޓް އެކުަލަވައިލެއްވި އިރު ދިޔާނާއަކީ އެޓާނީ ޖެނެރަލް އެވެ. ނަޝީދުގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާދެއްވި އިރު ދިނާ ވެސް އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަމަށް ދިޔާނާ އައްޔަންކުރި އެވެ. ދިޔާނާ އަކީ ސާކް އުފެދުނު ފަހުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.ފޮރިން ސަރވިސްގެ މަޤާމަށް ދިޔާނާ އައްޔަންކުރެއްވުމުގެ ކުރިން، އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ.އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް މި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން ނެގި ރެފަރަންޑަމްގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުގެ ސްޓޭންޑް ދިފާއު ކުރުމުގައި އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ދިޔާނާ މަސައްކަތް ކުރެއްވި އެވެ.