އަލީ ރާޒީ
19 ސެޕްޓެމްބަރ 2021 - 00:16
0 comments
އިއްޔެ ފިޔަވަތީގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަތީގެ ކަންކަން ގާތުން ބަލަމުން އަންނަަކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އޮމްބަޑްސްޕާސަންގެ އޮފީހުގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް މޮނިޓާ ކޮށްފައިވާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށާއި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ، އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ ކޮށްފައިވާ މަރުކަޒުގައި އުޅޭ ކުދިންތަކެއް އެ ތަނުގެ އިއްޔެ ފުރާޅުމައްޗަށް އަރައި ތަނަށް ގެއްލުން ދީފައިވެ އެވެ. އަދި ބޭރަށް ނުކުމެ ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުން، އެ ތަނުގައި ރޭ އަލިފާން ވެސް ރޯކޮށްލާފައިވެ އެވެ."އިއްޔެ ހިނގާދިޔަ މި ހާދިސާއާ ގުޅޭ ފޮޓޯ އަދި ވީޑިއޯ ބައެއް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެކިއެކި ފަރާތްތަކުން އާއްމު ކުރަމުން ގެންދިޔަކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުން ވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ބުންޏެވެ.ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ ވަރު ކަނޑައެޅުމަށް ޗިލްޑްރަން އޮމްބަޑްސްޕާސަންގެ ނަމުގައި މިނިވަން މަގާމެއް އުފެއްދީ މިދިޔަ އަހަރު އެވެ.
ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހުންނަ މަރުކަޒު، ފިޔަވަތީގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ވަނީ އެ ތަނަށް ޒިޔާރަތްކުރައްވައިފައެވެ.މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އެތަނުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.މި ބައްދަލުކުރެއްވުމުގައި އެކުދިންގެ ކަންބޮޑުވުންތައް ނައިބު ރައީސް އޮޅުންފިލުއްވިއެވެ.ދައުލަތުން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބި ކުދިން އިއްޔެ ވަނީ ފުރާޅަށް އަރާ އަޑުގަދަ ކޮށް އެކިވަރުގެ ގެއްލުން ދީ ހުޅު ވެސް ޖަހާފަ އެވެ.
ރޭ ޖެންޑާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައްހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަަމަށެވެ.