ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..!
އަހުމަދު ނިހާން
17 މާޗް 2025 - 12:03
10 comments
ރައީސް މުއިއްޒު ހޯރަފުއްޓަށް ވަޑައިގަތުމުން - ފައިލް ފޮޓޯ: ޕީޕީއެމް
ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އާންމުންނަށް ވަޒީފާގެ ފުރުސަތު ގެއްލި ގިނަ ރަށްރަށުގެ އިގްތިޞާދީ ހަރަކާތްތައް ވަނީ ހުއްޓިފަ އެވެ. އޭގެ ތެރެއިން އެއް ދާއިރާ އަކީ ހއ. ހޯރަފުށީ ދާއިރާ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ކުރީކޮޅު ކުރެއްވި ދަތުރުފުޅުގައި ހއ. އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކުރިން ކުންފުނިތަކަށް މަޝްރޫއުތައް ދީފައި ހުރީ އެކަން ކުރެވޭ ގޮތަށް ނޫން ކަމަަށެވެ.ރައީސް ވިދާޅުވި ގޮތުގައި އެއް ކުންފުންޏަކަށް 21 މަޝްރޫއު ދީފައި އެބަ ހުއްޓެވެ. އެ އެއްބަސްވުމާ އެކު އެޑްވާންސް ފައިސާ ދައްކާފައި އޮތަސް އެއިން އެއްވެސް ރަށެއްގައި މަޝްރޫއު ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.ތެދެކެވެ. ފައިސާގެ ދަތިކަން ކުރިމަތިވެ އަތޮޅުތެރޭގައި ސަރުކާރު އަދި ބައެއް އަމިއްލަ ކުންފުނިތަކުން ރާވާ ހިންގާ މަޝްރޫއުތައް ވެސް ހުރީ މަޑުޖެހިފަ އެވެ. އެގޮތުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫއުތައް ވެސް ހިމެނެ އެވެ. އަދި ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ހަވާލުކޮށްފައިވާ ބައެއް އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހުއްޓިފައި އެވެ. ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ރޭވި ކަންކަން ވެސް ހުރީ "ފިނިހަކަ ސްޕީޓް" ގައި އެވެ.ރައީސް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވެސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައި ކަމަށެވެ. ނަމަވެސް އަލީ މޫސާ ވަނީ ހިންގަމުން މިދާ ދައުރުގެ ތެރޭގައި ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ވަޒީފާ އާއި ރަނގަޅު ސިއްހީ ހިދުމަތް ދާއިރާއިން ނުލިބޭތީ އާބާދީގެ ބޮޑުބައެއް އެހެން ރަށްތަކަށް ބަދަލުވާން ޖެހިފައިވާތީ ހޯރަފުށީ ދާއިރާ އިން މަޑުޖެހިފައިވާ މަޝްރޫއުތައްވެސް ސަރުކާރުން ކުރިއަށްގެންގޮސް ދެއްވުމަށް އަލީ އެދި ލެއްވި އެވެ. "މި ތިން ރަށުގައި ދިރިއުޅެމުންދަނީ އާބާދީގެ ވަރަށް ކުޑަ ޕަސެންޓެއް. 60 ޕަސެންޓް ދިރިއުޅެމުންދަނީ ރަށުން ބޭރުގައި. މިކަން ކުރަން މަޖުބޫރުވެފައި މިވަނީ ސަރުކާރުތަކުން އިގްތިސާދީ ހަރަކާތެއް މިތާ ނުހިންގުމުގެ ސަބަބުން. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި ނެތުމުގެ ސަބަބުން. އިހަވަންދިއްޕޮޅުގައި ޖުމްލަ 14 ފަޅުރަށް އޮންނައިރު ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ތަރައްޤީކުރެވިފައިވަނީ އެންމެ ރިސޯޓެއް" ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވި އެވެ. އަލީ މިފަދައިން ރައީސް އަރިހުން އެދިލެއްވި އިރު މިފަހުން މި ސަރުކާރުން ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް, ރަސްމީކޮށް ފެށި ނަމަވެސް އެކަމުން ދާއިރާގައި ވަޒީފާ އެއް ނުއުފެދުމުން އަދި ބަންކަރިންގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމުގެ ކަން ބޮޑުވުން ގިނަ ބަޔަކު އަންނަނީ ކުރަމުން ނެވެ. އެގޮތުން ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "ބަންކަރިން ހިދުމަތުން ހޯރަފުއްޓަށް މިވަގުތައް ލިބުނު ވަޒީފާގެ އަދަދަކީ ސުމެއް..!" އެވެ.މީގެ އިތުރުން އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޔޮޓް މެރީނާގެ މަސައްކަތް ވެސް އޮތީ ހުއްޓިފަ އެވެ. ހއ. އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާންތަކެއް ވަންދެން އުލިގަމަކީ ޔޮޓު ފަހަރުގެ މަންޒިލެއް ކަމަށާއި ޔޮޓް މެރީނާއެއް ގާއިމުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އެކު އެމްއޯޔޫއެއްގައި ވެސް ސޮއި ކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އުލިގަމަށް ހާއްސަ އިގްތިސާދީ އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ފުޅާވާނެ ގޮތަށް ކުރިއަށް ގެންދެވޭނެ މަޝްރޫއުއަކަށް ހެދުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތެވެ."މިއަދުގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ޔޮޓް މެރީނާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފަ އެވެ. ނަމަވެސް "ޔޮޓް މެރީނާ" ނެތުމުން ވަޒީފާގެ ފުރުސަތުތައް އުލިގަމުގައި ވެސް އޮތީ ބަންދުވެފަ އެވެ. ނަތީޖާ އަކީ އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ފޯރުކޮށްނުދެވެ އެވެ. މީގެ އިތުތުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން ހިދުމަތުގައި ހއ. އުލިގަމުގައި ގާއިމް ކުރި ޕޯޓް ފެސިލިޓީއަށް ބޭނުންވާ އަދަދަށް މުވައްޒަފުން ހޯދަން ވެސް އޮތީ ހުއްޓިފަ އެވެ. އަދި ހަމައެހެންމެ ހއ. އުލިގަމުގައި ޔޮޓު މެރީނާއާ އެކު، ނިންމަން ސަރުކާރުން ބުނި ސިޓީ ހޮޓާ ތަރައްގީކުރުމުގެ މަސައްކަތް ވެސް އެކި ސަބަބުތަކާ ހުރެ އެ ޕްރޮޖެކްޓް ވެސް އޮތީ ހުއްޓިފަ އެވެ. މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު ރައީސް ހޯރަފުއްޓަށް ކުރެއްވި ދަތުރުގައި ހޯރަފުށީ ކައުންސިލުން ވަނީ އެ ރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި، އައިސް ޕްލާންޓުން އައިސް ނުލިބޭ މައްސަލަ ހައްލު ކޮށްދިނުމުގެ އިތުރުން ރަށުގެ ބިން ހިއްކައިދީ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދުމަށް ރައީސްގެ ކިބައިން އެދިފަ އެވެ.ހޯރަފުށީގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށިފައިވީނަމަވެސް އެ މަސައްކަތައް ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުން އެ މަސައްކަތް ވެސް ދަނީ "ފިނިހަކަ ސްޕީޓް" އެވެ. އަދި ކުރީ ސަރުކާރުން ހޯރަފުށީގައި ގާއިމްކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރަސްމީކޮށް މިފަހުން ހުޅުވި ނަމަވެސް އެތަނަށް ބޭނުންވާ މުއައްޒަފުން ނެގުން ވެސް އޮތީ "ވާނުވާ" އެވެ. އަދި މީގެ އިތުރުން މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ފެނަކައިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން ހޯރަފުށީ ދާއިރާ އިން ގިނަ ވަޒީފާ ތަކެއް އުފެދިގެންދާނެ ކުރީ ސަރުކާރުން ފެށި ހޮސްޕިޓަލްގެ މަސައްކަތް ނިންމާ މި ދައުރުގައި ވެސް ހުޅުވި ހިދުމަތް ދެވޭވަރުވުން އެއީ "ވުމަށް ވުރެއް ނުވުން" ގާތް ކަމެކެވެ. ސަބަބަކީ ހޮސްޕިޓަލްގެ މަސައްކަތް ވެސް"ފިނިހަކަ ސްޕީޓް" ގައި ހުރުމެވެ. ކުދި އަދި މެދުފަންތީގެ މަސައްކަތުގައި ހޯރަފުށީގައި ހަރަކާތްތެރިވާ މީހަކު ބުނީ ކުރާނެ މަސައްކަތެއް ނުލިބުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދެވޭވަރު ވެސް މިހާރު ނުވާ ކަމަށާއި އުމްރާނީ ތަރައްގީގެ މަސައްކަތް ހޯރަފުށީގައި ހުއްޓިފައި އޮތުމުން ރަށުގައި މިހާރު އިގްތިޞާދީ ހަރަކާތްތައް ވެސް ހުއްޓިފައިވާ ކަމަށެވެ.ހޯރަފުށީ ދާއިރާގައި ދެންއޮތް ތުރާކުނުގައި ވަޒީފާގެ އާ ފުރުސަތު އެއްވެސް ވަރަކަށް ނެތޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ކޮންމެ އަކަސް މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..! އޮތުމުން ނެވެ. އަދި އެއް ވާހަކަ އެވެ.މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ.
ކިޔުންތެރިންގެ ޝުއޫރު