ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަ ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހުން ވެސް ކުށްވެރިކޮށްފި
އައިމިނަތު ޝިޔާޒާ
16 މާޗް 2025 - 22:59
0 comments
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިޢުމާތު ޝަފީގް:
އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންގެންދާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި، އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ 16 އަހަރުގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.އެ ވާހަކަތައް މީގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.އެ މައްސަލައިގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނުގައިވަނީ، ކުޑަކުދިންނަކީ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައިފައިވާ ކަމަށެވެ. އަދި ހަމަ އެ ގާނޫނުއަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތް ނަމަވެސް، އެ ހައްގު ބޭނުން ކުރުމުގައި އެެހެން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނާންނަކަން ކަށަވަރު ކުރުމަށް ބަޔާންކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މުޖުތަމައު އާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، މި މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައި ވާތީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ އެ އަމަލު ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ."ކުޑަކުދިންނާ މެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވެ، ނަފުސާނީ ގޮތުން އެ ކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ތަހައްމަލުކުރުވާ ފަދަ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.އެމްޑީޕީގެ އެއްވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަދެއްކި މައްސަލާގައި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފަ އެވެ
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online