ކުރީގެ ސަރުކާރުތަކުގައި އެކި ފަރާތްތަކަށް ލިބުނު "އަނިޔާތަކަށް" އިންސާފު ހޯދައިދިނުމުގެ ނަމުގައި އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މިހާތަނަށް 59 މައްސަލައެއް ހުށަހަޅައިފި ކަމަށް އެއޮފީހުން ބުނެފިއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައި ދިނުމަށް އުފައްދާފައިވާ އޮފީހެކެވެ.އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނީ، އެ އޮފީހަށް އެއް މަސްދުވަސް ތެރޭ 59 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން މައްސަލަ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ އޮފީހުން އިސްނަގައިގެންވެސް މައްސަލަ ބަލާނެކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.