ވިޔަފާރި
ޖާހުއާ އެކު އެޗްޑީސީ އިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި
ޖާހުގެ ފްލެޓްތައް: މި ތަން ނުނިމިގެން އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފައި.
ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި "ދަ ގާޑަންސް"ގެ ނަމުގައި އެޕާޓްމަންޓްތަކެއް އަޅަން ހަވާލުކޮށްފައިވާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި އެވެ.

ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ 'ދަ ގާޑެންސް' ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. ނަމަވެސް ބޮޑު އަގުގައި އެކި މީހުންނަށް ވިއްކި ފްލެޓްތައް ނިންމައިފައި ނުވާތީ ޝަކުވާ ކުރަމުން އަންނަތާ ވެސް އެތައް އަހަރެކެވެ. އެކަމާ ގުޅިގެން އެޗްޑީސީން 27 ޖެނުއަރީގައި އެ ކުންފުންޏަށް ފަހުގެ ނޯޓިސް ދިނެވެ.

ފަހު ނޯޓިސްއާ އެއްގޮތަށް ވެސް މަސައްކަތް ނިންމާފައި ނުވާތީ، ޖާހުގެ އެއްބަސްވުން  ނިމުމަކަށް ގެނައިކަން އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ޖެނުއަރީގައި ޖާހުއަށް ދިން ނޯޓިސްގައި މުއްދަތަކަށް އޮތީ 45 ދުވަހުގެ ތެރޭގައި ތަން ނިންމާށެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އެ މުއްދަތުގެ ތެރޭގައި، އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރި މުއްދަތުގައި ޖާހުއިން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މިއަދު އެ ކުންފުންޏަށް އަންގައިފައިޗާ ކަމަށް ބަޔާނުގައިވެ އެވެ.

އެ އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ އެޗްޑީސީން ހިއްސާކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެ ފިޔަވަޅު އެޅީ، ޖާހުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

ޖާހުގެ ފްލެޓުތައް ނުނިމި ލަސްވާ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ރައީސް މުއިއްޒަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

އެޗްޑީސީން އޮކްޓޯބަރު 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.

އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފެލްޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އެޗްޑީސީ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، މަސައްކަތް ވެސް ނުނިންމަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު