ޚަބަރު
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަނީ
އަވައްޓެރި ރޯދަވީއްލުންގެ ހަރަކާތުގެ ތެރެއިން - ފައިލް ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި "އަވައްޓެރި ރޯދަވީއްލުން"ގެ ނަމުގައި ރޯދަވީއްލުމުގެ ހަރަކާތެއް ބާއްވަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފި އެވެ. 

މިއީ އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހުޅުމާލޭގެ ނެއިބަހުޑް ޕޮލިހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތާ ގުޅޭ ގޮތުން އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕީއާރު ހަސަން ޝަހީދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދު ވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެޗްޑީސީއަށް އެއްބާރުލުން ދޭ ބައެއް ކަމަށެވެ.

"މިފަހަރު ވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއް ބައިވެރިވުމާއި އެއްބާރުލުމާއެކު،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރޯދަވީއްލުން ރާވާފައިވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށެވެ. އެގޮތުން މި ހަރަކާތުގެ ފުރަތަމަ ރޯދަވީއްލުން މާދަމާ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ ރަނައުރާ މަގުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު