އަންގާރަ ދުވަހުން ފެށިގެން މާލޭ ސަރަހައްދަށް މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން
އަލީ ރާޒީ
09 މާޗް 2025 - 17:40
0 comments
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް -- ފޮޓޯ/އެސްޓީއޯ
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދެމުން އަންނަ މަސްދަޅު ކޭސް، އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުންކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުގައި 48،000 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށާއި މާދަމާ ރެޔާއި ހަމައަށް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.ނަމަވެސް މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށާއި މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް އަންގާރައިން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށާއި އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.މި ރޯދަމަހަށް ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ކޭސް ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.
ކިޔުންތެރިންގެ ޝުއޫރު