
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިވަގުތު މާލޭގައި ތިއްބެވި އިދިކޮޅަށް ނިސްބަތްވާ ކައުންސިލަރުންނާއި ޕީޕީއެމް، ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއި ޔާމީން މިރޭ ބައްދަލުކުރެއްވި ކަމަށެވެ. "އެގޮތުން އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ވިދާޅުވި،" މީޑިއާ ނެތި ބޭއްވި ބައްދަލްވުމާއި ގުޅޭގޮތުން ހީނާ ވިދާޅުވި އެވެ.އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕޭން އިތުރަށް ފުޅާކުރަން ރައީސް ޔާމީން ޕީޕީއެމްގެ އިސް ފަރާތްތަކާއި މަޝްވަރާ ކުރައްވާފައި މިވަނީ އެކެމްޕޭން ފެއްޓެވުމުގެ ޒިންމާ ރައީސް ޔާމީން މިދިޔަ ހުކުރު ދުވަހުގެ ރޭ ނެންގެވުމަށް ފަހުއެވެ.ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެތައް ރައްޔިތުންނެއް ތަމްސީލް ކުރާ ލީޑަރެއްގެ ހައިސިއްޔަތުން އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލާ ކަމަށެވެ."ރަސްމީކޮށް މި ދަންނަވަނީ، ކުރީގެ ރައީސް ކަން ކުރައްވާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.މީގެއިތުރުން ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި ރާއްޖޭގައި ހުންނަނީ އިންޑިއާގެ ގަވަރުނަރެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި ދިވެހި ސިފައިން ދަމަހައްޓަންޖެހޭނީ ސަރުކާރެއް ނޫން ކަމަށާއި ސިފައިން ހުވާކޮށްގެން ތިބީ ގައުމާއި ދީން ހިމާޔަތް ކުރަންކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، އިދިކޮޅުން ވަނީ އިންޑިއާގެ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ވެސް ތައްޔާރުކުރަން ފަށާފައެވެ.