
2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޔާމީނާއި ވާދަކުރެއްވި، އަދި ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި އުމަރު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ވުމުން ރާއްޖޭގެ ސިޔާސީ މަސްރަހަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ރައީސް ޔާމީން ވާނީ 2023 ވަނަ އަހަރު ސަރުކާރުގެ ކެންޑިޑޭޓަށް ބޮޑު ޗެލެންޖަކަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ."ވަރަށް ބޮޑު ބަދަލެއް އަންނާނެ. ރައީސް ޔާމީނަކީ ވަރަށް ސްޓްރޯންގް ކެންޑިޑޭޓެއް. އޭނާގެ ބައިވަރު އުނި ސިފަތަކެއް އެބަހުރި. އަދި ބައިވަރު ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި. އެހެންވީމަ އޭނަ ވާނެ ސަރުކާރުގެ ކެންޑިޑޭޓަށް އޮންނަ ވަރަށް ބޮޑު ޗެލެންޖަކަށް. އަދި އަޅުގަނޑަށް ވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ. އެހެންވީމަ ރައީސް ޔާމީން ވާނެ ސްޓްރޯންގް ކެންޑިޑޭޓަކަށް." އުމަރު ވިދާޅުވިއެވެ.ރައީސް ޔާމީން މިނިވަންވުމަކީ ސަރުކާރުން ކުރިން ލަފާ ކުރި ކަމަކަށް ނުވާތީ އެކަން ސަރުކާރަށް ސަޕްރައިޒަކަށް ވެފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އުމަރު ތުހުމަތުކުރެއްވި އެވެ. އެކަން ކުރުމަށްޓަކައި ކޯޓުގައި ހުރި ރައީސް ޔާމީންގެ މައްސަލަތަކުގައި ހުކުމެއް ކުރަން ސަރުކާރުން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.