
އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ސަރުކާރުން ގިނަ ހޭދަތަކެއް ކުރިޔަސް، އޮއްޓަރެއް ހުރި ނަތީޖާއެއް ނިކުންނާނެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު މިހާރު އޮތް ގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ."އަދި ކުރިއަށް އެބައޮތް ދެ އަހަރު [ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި] ހުންނަވައިފި ނަމަ މި އަދަދު ހަމަ އެކަށީގެންވޭ 80 ނޫނީ 90 ހާސް މިލިއަނަށް ވެގެންދިއުން،" މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ. "މި ސަރުކާރުން ކުރާކަމަކީ ހޭދަ. އެކި ނަންނަމުގަ ހޭދަކުރަނީ. އޭގައިން އޮއްޓަރު ހުރި އާރުލާ އެއްވެސް ނަތީޖާއެއް ލިބޭ މަސައްކަތެއް ނުކުރޭ."ޔާމީން ވިދާޅުވީ މި ވޭތުވެދިޔަ ތިން އަހަރުން ރައީސް މުއިއްޒު އެކަނި 57 ބިލިއަން ނުވަތަ 60 ހާސް މިލިއަނާ ކައިރިކުރާ މިންވަރަށް ދަރަނި އުފައްދާފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އެހެންކަމުން އޭގައި އިތުރަށް ދައްކަވާނެ ވާހަކައެއް ނެތް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އަދި ބާކީ ދެއަހަރު އެބައޮތްކަމަށް ޔާމީން ވިދާޅުވި އެވެ.ޔާމީން މިފަދައިން ވިދާޅުވިއިރު، ފާހަގަކޮށްލެވޭ ކަމަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން ދައްކަން ޖެހުނު އެންމެ ބޮޑު ބޭރުގެ ދަރަނި 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާ ހަލާސްކޮށްފަ އެވެ. އެއީ، 525 މިލިއަން ޑޮލަރެވެ. އެކަމާ ވިދިގެން މާލީ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ރޭޓިން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީ އިން ސީސީސީމައިނަސް އަށް މިދިޔަ ހަފްތާ މަތިކޮށްފަ އެވެ. އޭގެ ސަބަބަކީ ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކައި ދުނިޔޭގެ މާލީ ބާޒާރުގެ އިތުބާރު ހޯދާފައިވުން ކަމަށް ފިޗުން ފާހަގަކޮށްފައިވެ އެވެ.