ޚަބަރު
ސިއްހީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ފެނަކަ އަށް
ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމަށް ހެލްތް މިނިސްޓްރީން ފެނަކައާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން -
ސިއްހީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ހެލްތު މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމްއޯޔޫގެ ސަބަބުން ފެނަކައިގެ އައިޓީ ޓީމުން ސިއްހީ ދައިރާގެ އައިޓީ އިންފްރާސްޓްރަކްޗާ އޮޑިޓެއް ހަދާނެ ކަމަށެވެ. އޭރުން ސިއްހީ ދާއިރާގެ މަސައްކަތްތަކާއި ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދެމުންދާ ހިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ޑޭޝްބޯޑު ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"މިފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތް ދޭ ތަންތަނުން ދެމުންދާ ހިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ފަސޭހައިން ޑޭޝްބޯޑްސް ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މިނިސްޓްރީ އޮފް ހެލްތަށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމު ކުރުމަށް މަގު ފަހިވެގެން ދާނެ،" ހެލްތް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން، ސިއްހީ ދާއިރާގައި ބޭނުން ކުރަމުންދާ އެކި ސިސްޓަމުތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތް އިންފޮމޭޝަން ސިސްޓަމާ ގުޅާލުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު