ޚަބަރު
ރާއްޖެ ޓީވީ ރޯކޮށްލި މީއާދަށް ދެ އަހަރުގެ ޖަލު ހުކުމެއް
އޮކްޓޫބަރު 2013 ގައި ރާއްޖެޓީވީގެ ސްޓޫޑިއޯގައި އަލިފާން ރޯކޮށްލި މައްސަލައިގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، ހ. ގަސްވާ، މުހައްމަދު މީއާދު ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ރާއްޖެ ޓީވީ ރޯކޮށްލާފައި ވަނީ އޮކްޓޯބަރު 6، 2013 ވަނަ ދުވަހުގެ ރޭ ފަތިހު 4:42 ހާއިރު މޫނު ނިވާކޮށްގެންތިބި ހަ މީހެއްގެ ގްރޫޕަކުންނެވެ. އަލިފާން ރޯކޮށްލުމުގެ ކުރިން ރާއްޖެ ޓީވީ އޭރު ހިންގި "ކުއީން އޮފް ދަ ނައިޓް"ގެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން އިން މީހާ އަށް ހަމަލާދިނެވެ. އެއަށް ފަހު އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެތަނުގެ މޭޒުތަކަށް ޕެޓްރޯލް އަޅައި ރޯކޮށްލީއެވެ.

މީގެ ހަ އަހަރު ކުރިން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު އިއްވި ހުކުމްގައި ވަނީ ދައުވާއަށް އޭނާ އިންކާރު ކުރިނަމަވެސް މައްސަލަ ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، މީއާދުގެ ހަށިގަނޑުގައި ލަކުނު ހުރި ތަންތަނާ، ސީސީޓީވީ ފުޓޭޖުން ފެންނަ މީހާގެ ހަށިގަނޑަށް އަލިފާނުގެ އަސަރު ކޮށްފައިވާ ތަންތަނާ އެއްގޮތް ކަމެއް ހުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެއީ މީއާދުގެ ހަށިގަނޑުގައި ވެސް ލަކުނުތައް ފެންނަން ހުރީ، އަލިފާން ރޯކޮށްލާ ވަގުތު ސީސީޓީވީ ފުޓޭޖުން ފެންނަން ހުންނަ މީހާގެ ވެސް ހަށިގަނޑުގައި ނިވާނުވެ ފެންނަން ހުރި ހިސާބުތަކުގައި ކަމަށް ވާތީ އެވެ. 

ރާއްޖެޓީވީ ރޯކޮށްލުމުގައި އަނިޔާވެރިކަމަށް ފަރުވާލެއް ނެތްކަން މީއާދުގެ ކިބައިން ފެންނަކަމަށްވެސް ހުކުމްގައިވެއެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހާދިސާ ހިނގި ސަރަހައްދުން ފެނިފައިވާ އަންގިއަކުން މީއާދުގެ ޑީއެންއޭ ފެނިފައިވާކަމަށް ވެސް އެ ހުކުމްގައިވެއެވެ. އަދި މީއާދުގެ ގައިން އަލިފާނުގެ އަސަރުކޮށްގެން ފިހިފައި ހުންނަ ޒާތުގެ ނިޝަންތަކެއްވެސް ވަނީ ފެނިފައެވެ.

އަލިފާން ރޯކޮށްލުމުގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ރާއްޖެޓީވީން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު