ޚަބަރު
ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި އޯޓިޒަމް އާއި ޑައުން ސިންޑްރޯމްއާ ގުޅުވައި ހަޖޫ ޖެހުމުން ފާޑުކިޔުން
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމުގެ ސްކްރީންޝޮޓެއް
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ޑރ. މުއިއްޒު އަށް ފާޑުކިޔަމުން ގޮސް އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް، ޖޯކު ޖަހައި އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި މައްސަލައެއް ބޮޑުވެއްޖެ އެވެ.

އެ ޕްރޮގްރާމުގައި ހީ ސަމާސާކޮށްފައި ޕާޕާ ވިދާޅުވީ "އަސްލު މީނައަކީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ މީނަގެ، އޮޕަރޭޓްކުރާ ގޮތުން،" އެވެ. އަދި ޕާޕާ ދެއްކި ވާހަކައަށް ހިތްވަރު ދެއްވައި މޮސްޓާ ވިދާޅުވީ "އޯޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރޯމް ވެސް ހުންނަހެން ހީވަނީ،" އެވެ.

މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެފަދަ ބަލި ކުދިން ގޮވައިގެން އުޅޭ، އެކުދިންގެ ހައްޤުގައި ޤުރުބާނީ ވަމުންދާ ބަޔަކަށް އެކުދިންގެ ކަރާމާތަށާއި އެކުދިންގެ އެ ސިފައަށް ޖޯކުޖަހައި އެއީ އެއްވެސް އަގެއް ނެތް ގަމާރު ކުދިންތަކެއްގެ ގޮތުގައި ސިފަކުރާ ކަމަށް އިހުސާސް ވާނެ ކަމަށް ދަނީ ބުނަމުންނެވެ.

ޕާޕާ އާއި މޮސްޓާ ދެއްކި ވާހަކަތަކަށް ފާޑުކިޔައި މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ޓީވީތަކުގައި ހީސަމާސާކުރަން އެކި މީހުންނަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް ހުންނަ މީހެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

"މިއިން ބޭފުޅެއްގެ އެފަދަ ކުއްޖަކު ހުރެމެ އެ ކުއްޖާ އަށް ނިސްބަތްކޮށް އެހެން މީހުން ދަށުދަރަޖައިގެ ބަސްތައް ބޭނުން ކުރާ އަޑު އަހަން ކެތްވާނެބާ؟ ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވިޔަސް ތިމާމެންނަށް ކިޔޭނުކިޔޭ ނޭނގޭވަރުވީމަ އެއީ ދެން ބޮޑުވަރު."

މިހާތަނަށް އެއްވެސް އިދާރާއަކުން މި މައްސަލާގައި ކަންބޮޑުވުން ފާޅުނުކުރާތީ ވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ބްރޯޑްކާސްޓަރުންގެ ބެލެނިވެރިފަރާތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސަމާލުކަމަށް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ މި މައްސަލަ ގެނެސްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު