ޚަބަރު
ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފަށައިފި
ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެތަނުގެ މަސައްކަތްތައް ސިފައިން މިއަދު ފަށައިފި އެވެ.

ސިފައިން ބުނީ މި މަސައްކަތަކީ، މާލޭގައި ހިދުމަތް ދެމުން އަންނަ ތެލެސީމިއާ ސެންޓަރު ވަގުތީގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުން އަވަސް ކުރުމުގެ ގޮތުން، ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ.މުހައްމަދު މުޢިއްޒު އެދިލެއްވުމުގެ މަތިން ގައުމީ މަސައްކަތެއްގެ ގޮތުގައި އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެ މަސައްކަތް ޢަމަލީގޮތުން ސިފައިން ފެށިއިރު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފަ އެވެ.

ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން މިއަދު ފެށި މި މަސައްކަތް ކުރިއަށް ގެންދަނީ ސިފައިންގެ ސަރވިސް ކޯރގެ ބެލުމުގެ ދަށުންނެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ސިފައިންގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. އެގޮތުން، އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރުންނާއި އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުން ދަނީ ކުރަމުންނެވެ. 

އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ. އެ އިމާރާތުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ސިފައިންގެ އިން ބުންޏެވެ.

މިއީ އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފައިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު